މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ށ. ފުނަދޫއިން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި!
ށ. ފުނަދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ރަށުން 30 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / ނީލުވިލާ، ޢާދަމް ފަތުޙީ (30އ) އެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 29 ވަނަ ދުވަހު ފުނަދޫ ފުލުހުންގެ އިދާރާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.15 ގުރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ.
ޢާދަމް ފަތުޙީގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
