މަސްތުވާތަކެތީގެ މައްސަލަތައް 2,100 އިން މައްޗަށް: އިންޒާރުގެ ނުރައްކާ ބޮޑުވެ، ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަކޮށްފި!
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 2,100 އަށްވުރެ ގިނަ މައްސަލަ (ޖުމްލަ ރިޕޯޓުކުރެވުނު ކުށްތަކުގެ %20.8) ވަނީ ރެކޯޑުކުރެވިފައެވެ.
މި ނުރައްކާތެރި އާދައާ ދެކޮޅަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މާލެއާއި އަތޮޅުތެރޭގެ ތަފާތު ސަރަހައްދުތަކުގައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ދަށުން، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމުގެ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތި ވިއްކުމުގެ ތުހުމަތުގައި ޒުވާނަކުވެސް ވަނީ ދާދި ފަހުން ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ދުވާލަކު އެވްރެޖުކޮށް 5 އޮޕަރޭޝަން ހިންގައި، މުޅި ރާއްޖޭގައި 1,140 އަށްވުރެ ގިނަ އޮޕަރޭޝަން ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، މީގެ މަގުމަތީގެ އަގު 121 މިލިއަން ރުފިޔާއަށް އަރައެވެ. މީގެއިތުރުން، މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވި 110 އަށްވުރެ ގިނަ ބޭރު މީހުން ޑީޕޯޓްކޮށް، މާލޭގައި މަސްތުވާތަކެތި ބޭނުންކުރަން ޚާއްޞަކޮށްގެން ހިންގަމުންދިޔަ 6 'އައްޑާ' ވަނީ ރަސްމީކޮށް ބަންދުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތުގައި، މަސްތުވާތަކެތި އަތުލައިގަތުމުގެ އިތުރުން އެތަކެތި ވިއްކާ ކަމަށް ޝައްކުކުރެވޭ އާންމު ތަންތަނާއި ގޭގެއާއި ރެސްޓޯރެންޓްތައް ބަލައިފާސްކުރުމުގެ މަސައްކަތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
