މައްސަލަ ބޮޑުވެފައިވާ ތުޅާދޫ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓްތައް ހާމަކޮށްފި
ބ. ތުޅާދޫގައި އެމް.ޑީ.ޕީ ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންނަށް ލިބުނު ޕޮއިންޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނިގޮތުގައި ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ވެރިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ.
އެހެންވެ، ހިޔާވެހި ޕޯޓަލަށް ލޮގިންވެގެން، އެ މީހަކަށް ލިބިފައިވާ ޕޮއިންޓް ބެލޭނެގޮތް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ލިބިފައިވާ ޕޮއިންޓާ އެއްގޮތަށް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އެވެ. މިގޮތުން އަންނަ ނޮވެމްބަރު 16 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައި ވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ހިޔާވެހި ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި އެ މުއްދަތު ހަމަވުމަށް ފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށެވެ.
ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް ހައުސިން ޔުނިޓް ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓް ކުރުމާއި ހައުސިން ޔުނިޓް ހަވާލުކުރުމުގެ ހުރިހާ ކަމެއް ތުޅާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް އެކަމާ މެދު އެރަށު މީހުންގެ ނުރުހުން ބޮޑުވި އެވެ.
ހައުސިން ޔުނިޓުތައް ދޫކުރުމަށް ކަނޑައެޅި އުސޫލަކީ ބާތިލް އުސޫލުތަކެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް 2023 އޮކްޓޯބަރު 9 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ވެސް ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައި ވަނީ ހައުސިން ޔުނިޓް ދޫކުރުމާ ގުޅޭގޮތުން ކުރިން އާއްމު ކޮށްފައިވާ އުސޫލަށް ގެނެސްފައިވަނީ ޝަރުއީ އަދި ގާނޫނާ ހިލާފު ބަދަލެއް ކަމަށް ވާތީ މިނިސްޓްރީން ދިން ލަފާ އަދި 2022 މެއި 11 ގައި އާއްމުކުރި އުސޫލަށް އަމަލު ކުރުމަށެވެ.
ނަމަވެސް އޭގެ ފަހުން އެކި މައްސަލަތައް މެދުވެރިވެ ފްލެޓުތައް ދޫކުރުމުގެ މައްސަލައަށް ހައްލެއް ނުލިބި، އެންމެ ފަހުން އެ މަސައްކަތާ މިހާރު މިނިސްޓްރީން ހަވާލުވީ އެވެ.
