މާލޭ ނޯތު ހާބަރުގެ 15 މީޓަރުގެ 3 ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލައިފި!
މާލޭގެ އުތުރު ފަރާތު ބަނދަރު (ނޯތު ހާބަރު) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ހަދަމުންދާ 15 މީޓަރުގެ ތިން ފިންގާ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެއްކޮށް ނިންމާލައިފިއެވެ.
މި އަހަރުގެ އޮކްޓޫބަރު 6 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި، 15 މީޓަރުގެ 3 ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިމުމާއެކު ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީގެ ޑެކުގައި ލަކުޑި ފިލާ (ޓިމްބަރު ޕްލޭންކްސް) އެޅުމުގެ މަސައްކަތެވެ. އޭގެ އިތުރުން، އުޅަނދުފަހަރު ބަނދަރުކުރަން ބޭނުންވާ މޫރިންގ ބޮލާރޑް ހަރުކުރުމާއި، މުޅި ސަރަހައްދު އަލިކުރުމަށްޓަކައި ޖެޓީ ލައިޓްތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން މާލޭ އުތުރު ފަރާތު ބަނދަރުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް އުޅަނދުން އަނެއް އުޅަނދަށް ހުރަސްކޮށް އަރަންޖެހޭ ނުރައްކާތެރި ހާލަތްތަކަށް ދާއިމީ ހައްލެއް ލިބި، އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ބަނދަރާ ކައިރިކުރެވޭނެއެވެ. މިއީ ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ބޮޑެތި ލަގެޖުތަކާއެކު ދަތުރުކުރާ ފަރާތްތަކަށް އުޅަނދުފަހަރަށް އަރައިފޭބުމުގައި ލިބިގެންދާނެ ބޮޑު ލުއިފަސޭހައެކެވެ.
