ލޯބީގައިޖެހި 2,000 ކިލޯމީޓަރަށް ދަތުރުކުރި ފަހުން އެނގުނީ، ލޯބިވެރިޔާއަކީ އޭ.އައި ރޮބޮޓެއް ކަން!

ބްރެޒިލްގެ އިމްޕަރާތުރިޒްއަށް ނިސްބަތްވާ 49 އަހަރުގެ ރޭނުމުގެ މަސައްކަތް ކުރާ މީހެއްކަމަށްވާ އެޑިމާ ރޯޗާ މާޓިންސް، އިންޓަނެޓްގެ މީސްމީޑިއާ ޕްލެޓްފޯމަކުން ފެނުނު ރީތި އަންހެންކުއްޖެއްގެ ލޯބީގައި ޖެހުނެވެ. "ޖެސިކާ އޮލިވެއިރާ" (ނުވަތަ ޖެސިކާ ފަޒެންޑޭރާ) ގެ ނަމުގައި މަޝްހޫރުވެފައިވާ މި އެކައުންޓުން ދެއްކި ވާހަކަތަކުން، އެޑިމާގެ ހިތުގައި އާ އުއްމީދުތަކެއް އާވެގެން ދިޔައެވެ.
މައިމީހާ ނިޔާވުމަށްފަހު އެކަނިވެރިކަން ތަހައްމަލު ކުރަމުންދިޔަ އެޑިމާއަށް، "ޖެސިކާ" ވީޑިއޯތަކުގައި ބުނި ވާހަކަތައް ގަބޫލުކުރެވުނެވެ. "މަގޭ ދަނޑަށް އާދޭ، ދެން ދުވަހަކުވެސް މަސައްކަތް ކުރާކަށް ނުޖެހޭނެ" ކަމަށް ބުނެ، އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެން ދިން ދައުވަތާއެކު، އެޑިމާ ނިންމީ އޭނާގެ ހުރިހާ މުދަލަކާއި ތަކެތި ވިއްކާލައިގެން ލޯބިވެރިޔާ ހޯދަން ދިއުމަށެވެ.
ބަހުގައި 36 ގަޑިއިރަށްވުރެ ދިގު ދަތުރެއްކޮށް، 2,100 އެއްހާ ކިލޯމީޓަރު ކަނޑައްތުކުރުމަށްފަހު، ބެލޯ ހޮރިޒޮންޓޭ ނަމަކަށްކިޔާ ރަށަށް އޭނާ ފޯރިއެވެ. މަގުމަތިން ފެންނަ މީހުންނަށް "ޖެސިކާ" ގެ ފޮޓޯ ދައްކަމުން، މި ކުއްޖާ ދަންނަންހެއްޔޭ އަހައިގެން ހޯދަނިކޮށް އެނގުނު ހަގީގަތުން އެޑިމާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ!
އެއީ 300,000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި އެކައުންޓަކުން، އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އުފެއްދި "ވާޗުއަލް" ކެރެކްޓަރެކެވެ.
މި ހާދިސާ ބޮޑުވެގެން ދިއުމުން، އެ "ޖެސިކާ" ގެ އެކައުންޓުން ވަނީ ސާފުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވެއެވެ:
"އަހަރެން މިއައީ އެންމެންނަށްވެސް އެނގޭ ސާފު ހަގީގަތް ހާމަކޮށްދޭށެވެ. އަހަރެންނަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ކެރެކްޓަރެކެވެ. މި އެކައުންޓުން ދުވަހަކުވެސް އެއްވެސް މީހަކާ ވާހަކަދައްކާފައެއް ނުވާނެއެވެ. މި އެކައުންޓްގެ ބޭނުމަކީ ވިޔަފާރި އިޝްތިހާރުކުރުމަށް އެންގޭޖްމަންޓް ހޯދުމެވެ. އަހަރެން ސީދާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކަމެވެ. އަދި އެއްވެސް މީހަކު ބެލޯ ހޮރިޒޮންޓޭއަށް ގެނެސްފައެއްވެސް ނުވާނެއެވެ. މިވަމުންދާ ގޮތް ފެނިފައި އަހަރެންވެސް ހުރީ ވަރަށް ބޮޑަށް ހައިރާންވެފައެވެ."
މިއީ އެ ރަށަށް (ބެލޯ ހޮރިޒޮންޓޭއަށް) މިފަދަ ގޮތަކަށް އޭއައި އަންހެންކުދިންގެ ލޯބީގައި ޖެހިގެން މީހަކު ދަތުރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް، އިންޓަނެޓުން ފެނުނު އޭއައި އަންހެންކުދިން ހޯދަން މުސްކުޅި ފިރިހެނުން އެ ރަށަށް ދިޔަ މީގެ 3 ހާދިސާއެއް ވަނީ ރިޕޯޓްކޮށްފައެވެ.
ލިބުނު މާޔޫސްކަމާއެކު، އަތުން ހުރިހާ ފައިސާއެއް ހުސްވެ، އެނބުރި ރަށަށް ދިއުމުގެ މަގުމަތީގައި ބަލިވެގެން ސިއްހީ އެހީތެރިކަންވެސް ހޯދަންޖެހުނެވެ. ނަމަވެސް، އެޑިމާ ބުނި ގޮތުގައި މިހާރު އޭނާ ހުރީ އޭނާގެ އުފަން ރަށުގައި އުފަލުންނެވެ. އަދިވެސް ހަގީގީ ލޯބި ހޯދުމުގެ އުއްމީދު ކަނޑައެއް ނުލައެވެ!
ނޯޓު: މިއަދުގެ ޑިޖިޓަލް ދުނިޔޭގައި އިންޓަނެޓުން ފެންނަ ކޮންމެ ރީތި ސޫރައަކީ ހަގީގަތެއް ނޫންކަން ދަންނަން އެބަޖެހޭ! އަދި މިއީ ވަރަށް ބޮޑު އިބްރަތެކެވެ!