Social Featured

"ލަހުން ދެވުނަސް، ސަލާމަތުން ދިއުން" އިޚްތިޔާރު ކުރަމާ ހިންގަވާށެވެ.

Advertisement
"ލަހުން ދެވުނަސް، ސަލާމަތުން ދިއުން" އިޚްތިޔާރު ކުރަމާ ހިންގަވާށެވެ.
ތަފްޞީލް

މަގުތަކަކީ އެންމެންގެ ވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައި އޮންނަންޖެހޭ ތަނެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދަނީ ހިތާމަވެރި މަންޒަރެކެވެ. ސައިކަލުތަކާއި ކާރުތަކުގައި ހައްދެއްނެތި ބާރު ސްޕީޑުގައި ދުއްވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ތަނެވެ. މިފަދަ މަންޒަރުތައް ފެނުމުން ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލަކީ، މިހާ ބާރަށް މި ދަނީ އަނެއްކާ ކޮންތާކަށް ދާން ލަސްވެގެން ބާވައެވެ؟


މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖާއި ހައިވޭއަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްތަނުން އަނެއް ތަނަށް ދަތުރުކޮށްލެވޭނެ ފަސޭހަ މަގެކެވެ. މާލެއާއި ހުޅުމާލޭގެ ދުރުމިނަކީ އެއްވެސް ހާލެއްގައި ހައްދެއްނެތި ބާރަށް ދުއްވަންޖެހޭ ފަދަ ދުރު ރާސްތާއެއް ނޫނެވެ. ދެތިން މިނެޓު އަވަސްކޮށްލުމަށްޓަކައި، ފުރާނަ އަތްމައްޗަށް ލައިގެން ކުރާ ދަތުރަކީ އެއްވެސް ޙިކުމަތްތެރިކަމެއް ނެތް، ބުއްދި ޤަބޫލުކުރާ ކަމެއް ނޫނެވެ. ކިތަންމެ މުހިންމު ކަމެއްގައި ދާން އޮތް ނަމަވެސް، ފުރާނައަށްވުރެ އަގުބޮޑު އެއްވެސް ކަމެއް ނޯންނާނެއެވެ.


ބާރު ސްޕީޑުގައި ދުއްވުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ، އުޅަނދު ދުއްވާ ބާރުމިން މަތިވާ ވަރަކަށް، ކުއްލި ހާލަތެއްގައި އުޅަނދު ކޮންޓްރޯލް ކުރުމުގެ ފުރުޞަތު ކުޑަވެގެން ދާތީއެވެ. މަގުމައްޗަކީ އެކި ޢުމުރުގެ، އެކި މިޒާޖުގެ މީހުން ބޭނުންކުރާ ތަނަކަށް ވުމުން، ކުރިމަތިވެދާނެ ކުއްލި ނުރައްކަލަކަށް ތައްޔާރުވެވޭނީ ދުވެލި މަޑުކޮށްގެންނެވެ. އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަކީ އިސްލާމީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ، އަދި ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެކެވެ. ތިމާ ކުރާ ކަމެއްގެ ސަބަބުން މަގުމަތިން ހިނގާފައިދާ މީހަކަށް، ނުވަތަ އެހެން އުޅަނދެއްގައި އިން ކުށެއްނެތް މީހަކަށް އަނިޔާއެއް ލިބުމަކީ ބޮޑުވެގެންވާ ފާފައެކެވެ.


ހަމައެއްލަމައެއް ނެތި ބާރަށް ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގެ ގެއްލުން ހަމައެކަނި ލިބެނީ ދުއްވާ މީހާއަކަށް އެކަންޏެއް ނޫނެވެ. އޭގެ ހިތި ނަތީޖާ ތިމާގެ ޢާއިލާއަށާއި، ގާތްތިމާގެ މީހުންނަށްވެސް ފޯރައެވެ. އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށް ވެދާނެއެވެ. ނުވަތަ ފުރާނަ ގެއްލި، މައިންބަފައިންނާއި އަނބިދަރިން އެކަނިވެރިވެ، މުޅި ޢާއިލާ ހިތާމައިގެ ކަނޑަކަށް ޣަރަޤުވެގެން ހިނގައިދާނެއެވެ.


ތިމާއަކީ ކިތަންމެ ފަރިތަކޮށް ސައިކަލު ނުވަތަ ކާރު ދުއްވަން އެނގޭ މީހެއް ކަމުގައި ވިޔަސް، މަގުމަތީގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ދުއްވާ ބާރުމިން ކޮންޓްރޯލް ކުރަންޖެހެއެވެ. މުޅި މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓޭނީ ކޮންމެ ފަރުދަކުވެސް މަގުމަތީގެ އަދަބުތަކަށް އިޙްތިރާމްކޮށް، ދުވެލި މަޑުކޮށްގެން ދުއްވައިގެންނެވެ. ލަސްވުމަކީ ފުރާނަ ގެއްލުމަށްވުރެ މާ ރަނގަޅު ގޮތެކެވެ. "ލަހުން ދެވުނަސް، ސަލާމަތުން ދިއުން" އިޚްތިޔާރު ކުރަމާ ހިންގަވާށެވެ.

Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް