ކޮލަމާފުށީގައި ކެންޕަހެއް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެދިލެއްވުމުގެ މަތިން، ގއ. ކޮލަމާފުށީގައި އެމްއެންޔޫ ކެމްޕަސް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ޢިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިޢުލާންގައިވާ ގޮތުން ބީލަށް ކުރިއަށް ގެންދިއުމުގައި ޢަމަލު ކުރާނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން GC01 ގެ ގްރޭޑް 6, 5, 4, ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށް ނުވަތަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އިއުލާންގައިވާ ގޮތުން މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500.0 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ އިއުލާންގައިވާ މެއިލްއަށް ފޮނުވުމަށްވެސް މިނިސްޓްރީން ވަނީ އެދިލައްވައިފައެވެ.
އަދި މި ބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށާއި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 148 ދުވަހުގެ މުއްދަތު ހިމެނޭ 30,000.00 ރ (ތިރީސް ހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
