ޚިދުމަތުގައި ނަމޫނާ، އަބަދަށް ފުރިގެންވާ ހަނދާންތަކެއް: ސާޖަންޓް ޢަލީ ނާފިޢު (ޑިންޕު)

2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު ހިނގާދިޔައީ މުޅި މިދިވެހި ޤައުމު ރޮއްވާލި ހިތާމަވެރި ޙާދިޘާއެކެވެ. "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި ބަންޑުން ޖަހާލި މި ޙާދިޘާގައި، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އަދި އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި / ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) ވަނީ ކަނޑުވެ ގެއްލިފައެވެ.
ނ.އަތޮޅު މަނަދޫ އަށް އުފަން އާންމުކޮށް އެންމެންގެ މަގުބޫލު ނަމުން ނަމަ "ޑިންޕު" ގެ ގޮތުގައި ދަންނަ ސާޖަންޓް ޢަލީ ނާފިޢުއަކީ އެތައް ގޮތަކުންވެސް ފުލުހުންގެ މުއައްސަސާގައި ނަމޫނާ ޝަޚްޞިއްޔަތެކެވެ. އޭނާއާއެކު މަސައްކަތްކުރި އެކުވެރި ފުލުހުންނާއި، އޭނާގެ ފަރާތުން ޚިދުމަތް ލިބިގަތް އާންމު ރައްޔިތުންވެސް މިއަދު ހެކިވަނީ އެ ޙަޤީޤަތެވެ. ގެއްލުނުއިރު ދިވެހި ފުލުހުންގެ ޚިދުމަތުގައި 14 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަ ކުރައްވާފައިވެއެވެ. ޑިންޕު، ފުލުހުންގެ ބޭސިކް ޓްރެއިނިންގ ކޯސް ނިންމެވުމަށްފަހު ފުރަތަމަވެސް ޚިދުމަތަށް ނުކުމެވަޑައިގަތީ ގއ.އަތޮޅަށެވެ.
އެގޮތުން ގއ. ކަނޑުހުޅުދޫ ޕޮލިސް ޑެސްކާއި، ގއ. ދެއްވަދޫ ޕޮލިސް ޑެސްކު، ގއ. ކޮލަމާފުށި ޕޮލިސް ސްޓޭޝަން، ގއ. ދާންދޫ ޕޮލިސް ސްޓޭޝަން، ގއ. މާމެންދޫ ޕޮލިސް ސްޓޭޝަން އަދި އެ އަތޮޅުގެ މައި މަރުކަޒު ކަމަށްވާ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައެވެ. އެންމެ ފަހުންވެސް މަސައްކަތް ކުރެއްވީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައެވެ. އޭނާ އަދާކުރެއްވި މުހިންމު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެޑްމިން މަސައްކަތްތަކުގެ އިތުރުން، ޝިފްޓްތަކުގެ އިންޗާޖުކަމާއި ކަސްޓޯޑިއަލް ފެސިލިޓީގެ އިންޗާޖުކަން ހިމެނެއެވެ.
ދިރިއުޅުން
ގއ. އަތޮޅުގައި ޚިދުމަތް ކުރެއްވި ދުވަސްވަރު ގއ.ވިލިނގިލީ މީހަކާއި ކައިވެނި ކޮށްފައިވެއެވެ. އަކައިވެންޏަށް ޑިންޕުއަށް ވަނީ 7 އަހަރުގެ ފިރިހެން ދަރިއަކު ލިބިފައެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކިތަންމެ ބުރަކޮށް މަސައްކަތް ކުރިނަމަވެސް، ޑިންޕުއަކީ އާއިލާއަށް ޚާއްޞަ ވަގުތުދީ، އާއިލީ ގުޅުން ބަދަހިކުރުމަށް ނުހަނު އިސްކަންދިން ނަމޫނާ ބައްޕައެކެވެ. ކޮންމެ ދުވަހެއްގެ ހަވީރު ދަރިފުޅު ގޮވައިގެން ސައިކަލުގައި ބުރުޖަހާލަން ނުދާ ދުވަހެއް މަދުވާނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތަށް ކަމޭހިތާ، އަޚްލާޤީ ނަމޫނާއެއް
ޑިންޕުއަކީ ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ނުހަނު ފަރުވާތެރިކަމާއި، ޒިންމާދާރުކަމާއެކު ކޮށްނިންމާ ފުލުހެކެވެ. ސީނިއަރ ލީޑަރޝިޕުން އޭނާއަށް މަސްއޫލިއްޔަތުތައް ހަވާލުކުރަނީ އޭނާއަށް ކުރެވޭ އިތުބާރާއި، ޤާބިލުކަމަށް ފުރިހަމަ ޔަޤީންކަން އޮންނާތީއެވެ. އަދި އާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮންނާތީވެސްމެވެ.
މަސައްކަތުގެ މާހައުލުގައި ދެއްކެވި ލީޑަރޝިޕާއި އެކުވެރިންގެ ދެކޭގޮތް
ޑިންޕުއަކީ ހަމައެކަނި ޙަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުން ނިންމާލި ފުލުހެއް ނޫނެވެ. އޭނާއަކީ އެކުގައި މަސައްކަތްކުރާ ޖޫނިއަރ މުއައްޒަފުންނަށް ކަންކަން ދަސްކޮށްދީ، މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް އިސްނެގި ފަރާތެކެވެ. ސްޓޭޝަން އެޑްމިން ކަމާއި، ފައިނޭންސް އޮފިސަރުކަމާއި، ޝިފްޓް އިންޗާޖެއްގެ ގޮތުގައި އަދި ކަސްޓޯޑިއަލް ފެސިލިޓީގެ އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، ނިންމުންތައް ނިންމެވުމުގައި ޙިކުމަތްތެރިކަމާއި ކެތްތެރިކަން އިސްކުރެއްވިއެވެ.
އެކުގައި މަސައްކަތްކުރި ހުރިހާ ފުލުހުންވެސް ސިފަކުރާ ގޮތުގައި ޑިންޕުއަކީ އިތުބާރު ހިފޭ، ހުލްޤުހެޔޮ، އަދި އެކުގައި މަސައްކަތްކުރުމަށް އުފާކުރާ ނަމޫނާ އެކުވެރިއެކެވެ. "ފްރެންޑް 4" ދޯނި ބަންޑުން ޖަހާލި ހާދިޘާގައި އޭނާ ގެއްލުނު ނަމަވެސް، އެކުވެރިންނަށް އަދިވެސް އެކަން ޤަބޫލުކުރަން ދައްޗެވެ. އެ އެކުވެރިންގެ ހިތްތަކުގައި އަދިވެސް އޮތީ ކޮންމެވެސް ދުވަހަކުން ޑިންޕު އެނބުރި އަންނާނެ ކަމުގެ ފޮނި އުއްމީދެވެ.
ގއ. އަތޮޅުގައި ހިނގި ހަރަކާތްތަކާއި، އާންމުންގެ އިތުބާރު
ގއ. އަތޮޅުގައި ހިންގުނު އަވަށްޓެރި ފުލުހުންގެ ޚިދުމަތާއި، ޕޮލިސިންގގެ ތަފާތު މަސައްކަތްތަކާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން، ކުށްމަދުކުރުމަށް ހިންގުނު އިޖުތިމާޢީ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އިސް ދައުރެއް ޑިންޕު ވަނީ އަދާކޮށްފައެވެ.
ބައެއް ފަހަރު ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން ނުވަތަ މުޢާމަލާތް ކުރެވޭ ގޮތަކުން އާންމުންގެ ޝަކުވާތައް އުފެދުނު ކަމުގައިވީނަމަވެސް، ޑިންޕުގެ ފަރާތުން ޚިދުމަތް ލިބިގަތް ގއ.އަތޮޅުގެ އެއްވެސް ރައްޔިތެއްގެ ފަރާތުން މިފަދަ އެއްވެސް ޝަކުވާއެއް މިހާތަނަށް އައިސްފައެއް ނުވެއެވެ. އެ އަތޮޅުގެ އެންމެންވެސް އެއްބަސްވާ ގޮތުގައި އޭނާއަކީ ރީތި ބަސްމަގުން މުޢާމަލާތްކުރާ، ހުލްޤުހެޔޮ، އަދި އޯގާތެރި ފުލުހެކެވެ.
އަބަދަށްފުރެވިގެންވާ ހަނދާންތަކެއް
ޤައުމީ ޚިދުމަތުގައި ދެމިހުރެ، ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމުގައި ޑިންޕު ދެއްކެވި ސާބިތުކަމާއި އިޚްލާޞްތެރިކަމަކީ އޭގެން އިބްރަތް ހާސިލްކުރަންޖެހޭ ކަމެކެވެ. އޭނާގެ މަސައްކަތުގެ އަޚްލާޤާއި، އާންމު ރައްޔިތުންނާ މުޢާމަލާތްކުރުމުގައި ގެންގުޅުއްވި އޯގާތެރި ގޮތްތަކަކީ ދިވެހި ފުލުހުންގެ މުއައްސަސާގެ ކޮންމެ މުއައްޒަފަކުވެސް ނަމޫނާއަކަށް ނަގަންޖެހޭ މަތިވެރި ސިފަތަކެކެވެ.
"ފްރެންޑް 4" ދޯނި ބަންޑުންޖަހާލި ހިތާމަވެރި ހާދިޘާއަށްފަހު، ކަނޑުގެ ފުންމިނަށް ގެއްލިގެންދިޔައީ ހަމައެކަނި ޤާބިލު ފުލުހެއް ނޫނެވެ. އެއީ އާއިލާއަކަށް ލިބިފައިވި އޯގާތެރި ބައްޕައެކެވެ. އެކުވެރިންނަށް ލިބުނު ވަފާތެރި ރައްޓެއްސެކެވެ. އަދި ގއ.އަތޮޅުގެ ރައްޔިތުންނަށް ލިބުނު އިތުބާރުހުރި، އޯގާތެރި ޚިދުމަތްތެރިއެކެވެ.
ޑިންޕު އަދާކުރެއްވި އިޚްލާޞްތެރި ޤައުމީ ޚިދުމަތުގެ ހަނދާންތަކަކީ ދިވެހި ފުލުހުންގެ ތާރީޚުންނާއި، އޭނާއާ އެކު އުޅުނު އެންމެހައި އެކުވެރިންނާއި އާއިލާގެ ހިތްތަކުން ދުވަހަކުވެސް ފޮހެވިގެންދާނެ ހަނދާންތަކެއް ނޫނެވެ. މާތް ﷲ ސާޖަންޓް ޢަލީ ނާފިޢު (ޑިންޕު) އަށާއި، މި ހާދިޘާގައި ގެއްލުނު އެންމެހައި ފަރާތްތަކަށް ހެޔޮ ރަޙްމަތްލައްވައި، އެފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ޢާމީން!