ކާނަލް ނާޒިމްގެ މަންގެ ނަމުގައި އުތީމުގައި ޒަމާނީ މިސްކިތެއް އިމާރަތްކުރައްވަނީ
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އާރްސީސީގެ އެއް ވެރިޔާ، ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޡިމްގެ ޢާއިލާގެ ފަރާތުން ހއ. އުތީމުގައި އަޅުއްވައިދެއްވާ މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ.
މި މިސްކިތަކީ މުޙައްމަދު ނާޡިމްގެ މަންމާފުޅުގެ ނަންފުޅުގައި ބިނާކުރައްވާ މިސްކިތެކެވެ.
އުތީމު ބަނދަރުމަތީގައި އިމާރާތްކުރައްވާ މިމިސްކިތާބެހޭ މަޢުލޫމާތު އެރަށު ކައުންސިލާ ހިއްސާކުރެއްވުމަށްޓަކައި އެމަނިކުފާނުވަނީ ހުސްވި ހަފުތާގައި އެރަށަށް ވަޑައިގެން ކައުންސިލާ ބައްދަލުކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން އެމަނިކުފާނު ބައްލަވާ ލެއްވިއެވެ.
އުތީމުގައި ބިނާކުރާ މި މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކޮށްފައިވަނީ އުތީމުގެ ތާރީޚާއި ސަޤާފަތް ތަރިކަ ސިފަވާ ގޮތަށެވެ.
އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ރަށުގެ ބަނދަރު ހެދީއްސުރެ ލޭންޑް ޔޫޒް ޕްލޭންގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ބަނދަރު ސަރަޙައްދުގައި އެޅުމަށް ކަނޑައަޅައި، އެ މަސައްކަތް ކުރުމަށް ފާއިތުވި 11 އަހަރު ދުވަހު މަސައްކަތް ކުރެވުނު ކަމަށެވެ.
ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ނާޡިމްގެ ފަރާތްޕުޅުން އުއްމީދީ ޖަވާބެއް ލިބި، މިސްކިތުގެ ކޮންސެޕްޓް ހަމަޖެހިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށާއި ކައުންސިލަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މި ފުރުޞަތުގައި އުތީމު ކައުންސިލުން ވަނީ ނާޡިމަށާއި އެމަނިކުފާނުގެ ޢާއިލާއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ، އެ ރަށުގައި ހުރި ދެ މިސްކިތުގެ ތެރެއިން 20 އަހަރުވީ މިސްކިތް ތަޅާލުމަށްފަހު އިސްލާމިކް ސެންޓަރެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އަލަށް އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެން ދިއުން ކަމަށްވެސް ބުނެފައިވެއެވެ.
އުތީމަކީ ގިނަ ޢަދަދަކަށް މީހުން ޒިޔާރަތްކުރާ ތާރީޚީ ރަށަކަށް ވެފައި، ބަނދަރު ސަރަޙައްދުގައި މިސްކިތެއް ހުރުމަކީ މުހިންމުކަމެއް ކަމަށާޢި އަދި މިވަގުތު އެ ރަށުގައި ހުންނަނީ އާސާރީ ކުޑަ މިސްކިތަކާއި، މީގެ 20 އަހަރު ކުރިން އަޅާފައިވާ މިސްކިތެއްކަންވެސް އޭނާ ހާމަކުރެއްވިއެވެ.
