ޖޮބް އިންޓަވިއުއެއްގައި އޭއައި (AI) ފޭސް ފިލްޓަރު ބޭނުންކުރި މީހަކު، މަޝްހޫރު ރެސްލަރު ޖޯން ސީނާގެ ހަރަކާތަކުން އަތުލައިގަނެފި!

އޮންލައިންކޮށް ބާއްވާޖޮބް އިންޓަވިއުތަކުގައި ކެންޑިޑޭޓުން މަކަރު ހެދުމަށް އާ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއްގެ ރެކްރޫޓަރަކަށް ކުރިމަތިވި މަޖާ އަދި އާދަޔާޚިލާފު ކަމެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ބޮޑު ވައިރަލްއަކަށްވެފައެވެ.
ހާދިސާ ހިނގާދިޔަގޮތަށް ބަލާއިރު، ރެކްރޫޓަރެއް ކަމަށްވާ ޖޭސަން (Jason) އޮންލައިންކޮށް މީހަކާ އިންޓަވިއު ކުރަމުން ދިޔައެވެ. ނަމަވެސް އިންޓަވިއު ކުރިއަށްދިޔަ ވަގުތު، ކެންޑިޑޭޓުގެ މޫނުމަތިން ކޮންމެވެސް އާދަޔާޚިލާފު ކަންތައްތަކެއް ފާހަގަވެގެން ޖޭސަންގެ އެކުވެރިޔަކު އެކަން އޭނާގެ ސަމާލުކަމަށް ގެނައެވެ. އެ ކެންޑިޑޭޓް އަޅައިގެން ހުރި އައިނުގެ ވަށައިގެން ޑިޖިޓަލް އީރޯއެއް ނުވަތަ "ގޯސްޓް ފްރޭމެއް" ފެންނަން ހުރުމުން، އޭނާ އިނީ އޭއައި (AI) ފޭސް ފިލްޓަރެއް ލައްވައިގެންކަން އެނގުނެވެ.
މިކަމަށް ޝައްކުވެގެން ޖޭސަން ނިންމީ އެކަން ޓެސްޓުކޮށްލާށެވެ. އެންމެ ފަހުން އޭނާ ވަނީ މަޝްހޫރު ޑަބްލިޔު.ޑަބްލިޔު.އީ (WWE) ރެސްލަރު ޖޯން ސީނާގެ މަޝްހޫރު "ޔޫ ކެންޓް ސީ މީ" (You Can't See Me) ސްޓައިލަށް މޫނުކުރިމަތީގައި އަތް ހަރަކާތްކޮށްލަން ކެންޑިޑޭޓް ކައިރީގައި އެދިފައެވެ. އޭގެ މަގުސަދަކީ އަތް ކުރިމައްޗަށް އެރުވުމުން އޭއައި ފިލްޓަރު ގްލިޗްވެ، ހަލާކުވެދާކަން ބެލުމެވެ.
ނަމަވެސް، ޖޭސަން އެގޮތަށް ކޮށްދޭން އެދުމުން، އެ މީހާއަށް އޭގެ މާނަ ރަނގަޅަށް ނޭނގިގެން ކަމަށް ބަލައި އޭނާގެ އަތް ބެހެއްޓީ މޫނު ކުރިމަތީގައެއް ނޫނެވެ؛ މޫނާ ވަރަށް ކައިރިން މަގުފުރައްދާލާފައި އެހެން ދިމާލެއްގައެވެ. މިކަމުން ޖޭސަންގެ ޝައްކުތައް ޔަގީންވެ، އެއީ ޑީޕްފޭކް (Deepfake) ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޅުވާލަން އުޅުނު މީހެއްކަން ސާބިތުވިއެވެ.
މި ހާދިސާއަށްފަހު، މިއަދުގެ ޑިޖިޓަލް ޒަމާނުގައި އޮންލައިންކޮށް މީހުން ވަޒީފާއަށް ނެގުމުގައި ކުންފުނިތަކުން ކެންޑިޑޭޓުންގެ އަސްލު ކާކުކަން ކަށަވަރުކުރުމަށް މާ ބޮޑަށް ފަރުވާތެރިވާންޖެހޭނެ ކަމަށް މާހިރަށް ވަނީ ބުނެފައެވެ.