އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި
އެމެރިކާގައި ބާއްވާ މިޑް-ޓަރމް އިންތިޚާބު ނިމުމާއެކު، އީރާނާ ދެކޮޅަށް ކުރު މުއްދަތަކަށް ނަމަވެސް ވަރުގަދަ އަސްކަރީ ހަމަލާތަކެއް އަމާޒުކޮށްފާނެ ކަމަށްބުނެ ވޮޝިންޓަނުން ވަނީ މެދުއިރުމަތީގެ ގަލްފުގެ ބައެއް ޤައުމުތަކަށް އިންޒާރުދީފައެވެ.
ބައިނަލްއަޤްވާމީ ޚަބަރުފަތުރާ މަޝްހޫރު ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، ޑިޕްލޮމެޓިކް އަދި އަސްކަރީ މުވާސަލާތުތައް މެދުވެރިކޮށް ދީފައިވާ މި އިންޒާރުތަކަކީ އީރާނުގެ ސިޔާސީ އަދި އަސްކަރީ ޤާބިލުކަން ބަލިކަށިކޮށް، މަޝްވަރާތަކަށް އެއްބަސްވުމަށް މަޖުބޫރުކުރުމުގެ ގޮތުން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަމުންދާ ޕްލޭންތަކުގެ ބައެކެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި މިކަމާ ގުޅޭގޮތުން އެންމެ ފަހުގެ ވަކި ރަސްމީ ގޮތެއް ނުނިންމަވާކަމަށް މަސްދަރުތަކުން ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާތައް އަމާޒުވެދާނެ ކަމަށް ބެލެވެނީ އީރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރ، ހަކަތައިގެ (އެނަރޖީ) މަރުކަޒުތަކާއި، މިސައިލާއި ޑްރޯން އުފައްދާ ތަންތަނަށެވެ. މިއާއެކު، އެމެރިކާ ސިފައިން ވަނީ މެދުއިރުމަތީގެ ސަރަޙައްދުގައި ހަތިޔާރާއި އަސްކަރީ އާލާތްތައް އިތުރުކޮށް، ޕެޓްރިއޮޓް މިސައިލް ނިޒާމުތަކާއި މަނަވަރުތައް އެ ސަރަޙައްދަށް ޖަމާކުރަން ފަށާފައެވެ.
މިފަދަ ހަމަލާތަކެއްގެ ސަބަބުން އީރާނުން ދީފާނެ ރައްދު ހަމަލާތަކުން ސަރަޙައްދީ އެކުވެރި ޤައުމުތައް ސަލާމަތްކުރުމަށްވެސް ޕެޓަގަނޑުން ދަނީ ތައްޔާރީތައް ވަމުންނެވެ. ގަލްފުގެ ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ މިފަދަ ހަނގުރާމައެއްގެ ސަބަބުން އެޤައުމުތަކުގެ މުހިންމު އިންފްރާސްޓްރަކްޗަރތަކަށް ގެއްލުންވެދާނެ ކަމަށެވެ.

