ހުޅުމާލޭ ފުލެޓްތަކަށް 50 ޕަސެންޓް މީހުން ކުލި ނުދައްކާ އެކަމަކު ހެދޭނެގޮތެއް ނެތް މައުލޫމާތު ސިއްރު
ހުޅުމާލޭގެ ފުލެޓުތަކުން ނުލިބޭ ކުލީގެ އަދަދު ހާމަކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެކޮޅު ހަދައިފިއެވެ.
ދައުލަތައް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބޭ ފައިސާގެ އަދަދު ހާމަކުރުން މިއީ ސިއްރަކަށް ވާނަމަ ރައްޔިތުންނަށް އެނގިދާނެކަމަށް އަބަދުވެސް ޖެހޭނީ ކަންކަން ސިއްރުކުރާށެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެކުންފުނިން ބަލަހައްޓާ ފުލެޓްތަކުގެ 50 ޕަސެންޓް ކުލިނުދައްކައެވެ. މިއީ މި މިގޮތަށް ބުނެލައިގެން ނިންމާލެވެން އޮތް ވާހަކައެއް ނޫނެވެ. މިކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް އޮތިއްޔާ އެކަމެއްވެސް ރައްޔިތުންނަށް އެގެންވާނެއެވެ. އަދި ކުންފުނީގެ ޒިންމާއަކީ އެއްބަސް ވުމާއެއްގޮތަށް ފައިސާ ނުދައްކާނަމަ އެޅޭނެ ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ ބަލައި ނެތިއްޔާ އެކަން ހައްލުކުރުމަށް ގާނޫނުތަކަށް ބަދަލުގެނެސްގެންވެސް އެކަން ހައްލުކުރުމެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ އޮތީ ސަރުކާރުގެ އަތްމަތީގައެވެ.
މި މަހު 11އާ ހަމައަށް ފުލެޓުތަކުގެ ކުލިން ނުލިބި ހުރި އަދަދު ހާމަކުރަން އެ ކޯޕަރޭޝަނުން ވަނީ ދެކޮޅު ހަދާފައެވެ. އެއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށް ބުނެއެވެ.
އެ މާއްދާގައި ބުނަނީ، އެ މައުލޫމާތު ހޯދާފައި ވަނީ ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައިވުމާއެކު، އެ މައުލޫމާތުގައި ވިޔަފާރީގެ ސިއްރެއް ނުވަތަ އެ މައުލޫމާތު ހާމަކޮށްފިނަމަ، އެ ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރުފޯރާނެ ކަމަށްވުމުން ކަމަށެވެ.
މީގެ އިތުރުން، އާންމުކޮށް ފުލެޓުތަކުން ކުލި ނުދައްކާ ސަބަބަކީ އެ ކޯޕަރޭޝަނުން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން އެހެން ބުނި ނަމަވެސް، މީގެ ކުރިން ހުޅުމާލޭގައި ބަލަހައްޓާ ފުލެޓުތަކުން ނުދައްކާ ހުރި އަދަދު މިދިޔަ އަހަރުގެ މެއި މަހުގެ 27ގައިވަނީ ހާމަކޮށްފައެވެ. އޭރު އެޗްޑީސީން ބުނި ގޮތުގައި، އެ ކޯޕަރޭޝަނުން ކުލި ނަގައި، ބަލަހައްޓާ ފުލެޓްތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ.
ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށާއި ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެއާއެކު، އެ އަހަރުގެ 28 ފެބުރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ސޯޝަލް ހައުސިން ޔުނިޓުތަކުގެ ފްލެޓް އެގްރިމަންޓުގައި، ގަވައިދުން ކުލި ނުދައްކާނަމަ ފްލެޓު އަތުލުމުގެ ބާރު އެޗްޑީސީއަށް ލިބިދީފައި އޮވެއެވެ.
ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.
އެއަށްފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ކޮށް ދެއްވައިފައެވެ.
ދައުލަތައް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބޭ ފައިސާގެ އަދަދު ހާމަކުރުން މިއީ ސިއްރަކަށް ވާނަމަ ރައްޔިތުންނަށް އެނގިދާނެކަމަށް އަބަދުވެސް ޖެހޭނީ ކަންކަން ސިއްރުކުރާށެވެ.
