ހައިވޭއިން މަޑުކުރަން އެންގުމުން ނުކޮށް ގޮސް ބެރިކޭޑުގައި ޖެހުނު މީހާގެ އަތުން މަސްތުވާތަކެތި ފެނިގެން ބަންދުކޮށްފި!
ސިނަމާލޭ ބްރިޖާ ގުޅިފައިވާ ހައިވޭގައި ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުންވެސް މަޑުނުކޮށް ގޮސް، ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ރަންފަސް، އިބްރާހިމް އަޒުލިފް ހުސެއިން (30 އަހަރު) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ހައިވޭއިން އޭނާ ދުއްވާފައި ދިޔައީ އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ބާރު ސްޕީޑެއްގައެވެ. އެކަން ފުލުހުންނަށް ފާހަގަކުރެވިގެން ސައިކަލު މަޑުކުރަން އެންގުމުންވެސް، އޭނާ ވަނީ މަޑުނުކޮށް ކުރިއަށް ގޮސް ފުލުހުން ޖަހާފައިވި ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވެފައެވެ.
އެކްސިޑެންޓަށްފަހު ފުލުހުން އޭނާގެ ދެކެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 8 ރަބަރު ޕެކެޓު އޭނާގެ އަތުން ވަނީ ފެނިފައެވެ.
މި މައްސަލައިގެ ތަހުގީގުގައި އޭނާ ވަނީ އަމިއްލައަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެފައެވެ. އަދި އަތުން ފެނުނު ތަކެއްޗަކީ އަމިއްލަ ބޭނުމަށް ގެންގުޅުނު އެއްޗެހި ކަމަށް ބުނެފައިވީ ނަމަވެސް، އޭނާ ދައުވާކުރާ ގޮތުގައި އޭނާގެ އަތުގައި އޮތީ އެންމެ ދެ ރަބަރު ޕެކެޓެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
