ގިރާވަރުފަޅުން 115 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފި — މަޝްރޫޢުގެ 68 އިންސައްތަ ފުރިހަމަވެއްޖެ
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ގިރާވަރުފަޅު ހިއްކުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަން އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މުޅިއެކު 167.15 ހެކްޓަރުގެ ބިން ހިއްކުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، އިތުރަށް ހިއްކަން ބާކީ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އެމްއޭސީއެލްއިން މަޢުލޫމާތުދޭ ގޮތުގައި، ކަނޑައެޅިފައިވާ ޖުމްލަ ސަރަޙައްދުގެ ތެރެއިން 115 ހެކްޓަރު ހިއްކާ ނިމުމާއެކު، މުޅި މަޝްރޫޢުގެ 68 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފޭސްގެ ދަށުން، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ބެލުމުގެ ދަށުން ކުރިން ވަނީ 70 ހެކްޓަރުގެ ބިން ހިއްކާފައެވެ. މަސައްކަތް އަވަސްކުރުމުގެ ގޮތުން އެމްއޭސީއެލްއިން މިހާރު ދަނީ ދުނިޔޭގެ ނަންބޫރީ ބޮޑެތި ކްރޭން/ޑްރެޖަރުތައް ކަމަށްވާ "ކުއީން އޮފް ދަ ނެދަރލޭންޑްސް" އާއި "އޯރެންޖް" ޑްރެޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަން ފާހަގަކޮށްފައެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، އެ ފަޅުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 1,250 އަކަފޫޓުގެ 2,605 ގޯތި
- 1,650 އަކަފޫޓުގެ 1,213 ގޯތި
- 2,050 އަކަފޫޓުގެ 253 ގޯތި
- 2,450 އަކަފޫޓުގެ 1 ގޯތި
ކުރިން ރައީސުލްޖުމްހޫރިއްޔާ ډޮކްޓަރ މުޙައްމަދު މުޢިއްޒާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ގިރާވަރުފަޅަށް ޒިޔާރަތްކުރައްވައި މަޝްރޫޢުގެ ކުރިއެރުން ބައްލަވާލެއްވި އިރު، ކަންކަން އަވަސްކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. އެގޮތުން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުޑޮކްޓަރ ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ، ބިން ހިއްކާ ނިމުމާއެކު ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އަވަސްކުރެވޭނެ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ބިން ހިއްކައި ނިމުނުހާ އަވަހަކަށް އިންވަކިކޮށް، ގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބިން ހިއްކުމުގެ މުޅި މަޝްރޫޢު ނިމުމުގެ ކުރިން ރެޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށައި، ރެޖިސްޓްރީ ދޫކުރެވެމުންދާ މިންވަރަކުން ސަރވޭކޮށް ގޯތިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ކަށަވަރުކޮށްދީފައެވެ.

