Social Featured

ގޭސް ފުޅީގެ ރައްކާތެރިކަން މޮނީޓަރު ކުރުމުގެ އާންމު ހަރަކާތެއް ފައްޓާކަށް ނުވެތޯ؟

Placeholder banner 1Placeholder banner 2Placeholder banner 3
ގޭސް ފުޅީގެ ރައްކާތެރިކަން މޮނީޓަރު ކުރުމުގެ އާންމު ހަރަކާތެއް ފައްޓާކަށް ނުވެތޯ؟
ތަފްޞީލް

ފާއިތުވި މަދު ހަފްތާތަކެއްގެ ތެރޭގައި ރާއްޖޭގައި، ޚާއްޞަކޮށް ވެރިރަށް މާލޭގައި، އަލިފާނުގެ ހާދިސާތަކެއް ހިނގައި، އެ ހާދިސާތަކުގައި ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހާދިސާތަކުގެ ތެރެއިން ބައެއް ހާދިސާތައް ކައްކާގޭސް ފުޅިއާ ގުޅިގެން ހިނގާފައިވާ ކަމަށް ބެލެވޭ ކަމީ، ކަންބޮޑުވުމާ އެކު ވިސްނާލަން ޖެހޭ ހަގީގަތެކެވެ.


2026 ވަނަ އަހަރުގެ އޯގަސްޓް 26 ވަނަ ދުވަހު، ކައްކާ ގޭސް ފުޅިއަކުން ލީކުވި ގޭހާ ގުޅިގެން ދެ މީހަކު ހާލު ދެރަވެ ހޮސްޕިޓަލަށް ގެންދިޔަ ހިނދު، ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. ފުރާނައެއް ގެއްލިގެން ދިޔަ ހިތާމަވެރި ހާދިސާ ހިނގިތާ ދެތިން ދުވަހެއްކުރިން، ހަމަ ވެރިރަށް މާލޭގައި ކައްކާގޭސް ފުޅިއެއް ގޮވައި، ނުރައްކާތެރި ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެ ދެ މީހަކު ސީރިއަސް ހާލަތުގައި އޮތް އިރު އެތަނުން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.


ހިތްދަތި ހާދިސާތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ތަކުރާރުވަމުން ދިއުމުން، ސުވާލު އުފެދެނީ ހަމައެކަނި ހިތާމައިގެ ތެރޭ ހިތް ފިތިފައި ތިބެ ދޫކޮށްލެވިދާނެ ކަމެއް ނޫން ކަމެވެ. ހިނގި ހާދިސާތަކަށް ބަލާ ކަމަށް ވާ ނަމަ، ކޮންމެ ހާދިސާއެއްގައިވެސް ކައްކާގޭސް ފުޅި ކޮންމެ ވެސް ގޮތަކުން ދައުރެއް އަދާ ކޮށްފައިވާ ކަމަށް ބެލެވެ އެވެ.


ގޭސް ސަޕްލައި ކުރާ ތަންތަނުން ބޭނުން ކުރަމުން ދާ ފުޅިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވޭ ހެއްޔެވެ؟ ބޭނުން ކުރަމުން ދާ ފުޅިތައް ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ހެއްޔެވެ؟ ރެގިއުލޭޓަރީ ފަރާތްތަކުން ގޭސް ފުޅިތަކުގެ ރައްކާތެރިކަން ދިރާސާ ކޮށް، ބަލައި، ތަހުލީލު ކޮށްފައިވާ ހެއްޔެވެ؟ މިއީ ހައްތާވެސް ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެވެ.


ކައްކާގޭސް ފުޅިއަކީ ގޭތެރޭގައި ދިރިއުޅޭ ކޮންމެ ގޭ ބިސީއެއްގައި ހެން ބޭނުން ކުރެވޭ، ދިރިއުޅުމުގެ އަސާސީ، ނަމަވެސް ރައްކާތެރިކަމާ ނުލައި ބޭނުން ކޮށްފި ނަމަ ނުރައްކާތެރި ހަތިޔާރަކަށް ވެދާ އެއްޗެކެވެ. ގޭތެރޭ ތިބޭ ކުޑަ ކުދިންނާ، ދޮށީ ބޭފުޅުންނާ، ގޭތެރޭ ވަގުތު ހޭދަ ކުރާ ހުރިހާ ފަރާތްތަކަށްވެސް ގޭސް ލީކުވެ ނުވަތަ ގޭސް ފުޅި ގޮވައިގެން ހިނގާ ހާދިސާއެއްގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑު ވެދާނެ އެއްޗެކެވެ.


ގޭސް ސަޕްލައި ކުރާ ތަންތަނުން ބޭނުން ކުރަމުން ދާ ގޭސް ފުޅިތައް ވަކި ވަކިން ތަހުލީލު ކޮށް، ރައްކާތެރިކަމުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވޭތޯ ކަށަވަރު ކުރުމަކީ، ކަމާ ބެހޭ ފަރާތްތަކުން ލަސްނުކޮށް ފަށަންޖެހޭ ކަންކަމެވެ. އަދި ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން، ޚާއްޞަ ގޮތެއްގައި ގޭހާ ބެހޭ ކަންކަން ބަލަހައްޓާ ފަރާތްތަކުން، ގޭސް ސަޕްލައި ކުރާ ތަންތަނަށް ގޮސް، ބޭނުން ކުރަމުން ދާ ގޭސް ފުޅިތައް ތަހުލީލު ކޮށް، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ފުޅިތައް ވަގުތުން ބޭނުން ކުރުން ހުއްޓުވައި، ނައްތާލުމުގެ ހަރަކާތެއް ފެށުމަކީ، ހިތާމަވެރި ހާދިސާތަކެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވިދާ ކަމެކެވެ.


ހިތާމައަކީ ހިނގި ހާދިސާތަކަށް ފަހު ވެސް، ގޭސް ފުޅިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފެންނަ ފަދަ ހަރަކާތެއް ފެށިފައިވާ ނެތް ކަމެވެ. ހިނގި ކޮންމެ ހާދިސާއަކަށް ފަހު ހިތާމަ ފާޅު ކޮށް، ތަހުގީގު ކުރާ ވާހަކަ ދެއްކި ނަމަވެސް، ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް އަދި ފެންނަންނެތް ކަމެވެ. 


ރައްޔިތުން ބޭނުންވަނީ ހިތާމައިގެ ބަސްތަކެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ކަށަވަރުކަމެވެ. ގޭތެރޭ ކައްކާގޭސް ފުޅި ބަހައްޓައިގެން ތިބޭ ކޮންމެ ވަގުތަކު، ހިތުތެރޭ ބިރުވެރިކަން ނެތި، ހިތްހަމަ ޖެހިލައިގެން ތިބެވޭ ފަދަ ނިޒާމެއް ގާއިމް ކޮށްދިނުމެވެ.


ގޭސް ފުޅިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގޭ ކަންކަމުގައި ހަމައެކަނި ސަރުކާރުގެ ދައުރަކުންވެސް ނުފުދެއެވެ. ގޭސް ސަޕްލައި ކުރާ ކުންފުނިތަކާއި، ގޭސް ވިއްކާ ތަންތަނާއި، ގޭސް ފުޅި ބޭނުން ކުރާ ގޭބިސީ ހުރިހާ ފަރާތްތަކެއްގެ ދައުރުވެސް ހިމެނެއެވެ. 


ގޭސް ސަޕްލައި ކުރާ ކުންފުނިތަކުން، ބޭނުން ކުރަމުން ދާ ފުޅިތައް ގަވާއިދުން ބަލައި، ތަހުލީލު ކޮށް، ދިރިއުޅޭ ތަންތަނަށް ފޮނުވުމުގެ ކުރިން ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެއެވެ. ގޭސް ވިއްކާ ތަންތަނުން، ގޭސް ފުޅިތަކުގައި ލީކެއް ހުރިތޯ ނުވަތަ ފުޅި ހަލާކުވެފައިވޭ ތޯ ކޮންމެ ފަހަރަކު ބަލަންޖެހެވެ. ގޭތެރޭ ގޭސް ފުޅި ބޭނުން ކުރާ ފަރާތްތަކުން، ގޭސް ލީކު ވޭތޯ ބެލުމާއި، ގޭސް ފުޅި ރައްކާތެރި ތަނެއްގައި ބެހެއްޓުމާއި، ގޭސް ލީކު ވާ ކަމުގެ ނިޝާންތައް ދެނެގަތުމަށް ހޭލުންތެރި ވާންޖެހެއެވެ.


ހިތާމަވެރި ހާދިސާތަކެއް ތަކުރާރު ވިޔަ ނުދިނުމަށް، ކަމާ ބެހޭ ފަރާތްތަކުން ލަސްނުކޮށް ފިޔަވަޅު އެޅުމަކީ، ވަގުތުގެ ގޮވާލުމެވެ. ގޭސް ފުޅިތަކުގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރު ކުރުމަށް ހިންގޭ ހަރަކާތެއް ފެށި، ރައްޔިތުންނަށް ހިތްހަމަ ޖެހިލައިގެން ދިރިއުޅެވޭ ފަދަ މާހައުލެއް ގާއިމް ކޮށްދިނުމަކީ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަމެވެ. ފުރާނަ ގެއްލި، ލޭ ކަރުނަ ފޮހެވެންދެން ހިތާމަ ފާޅު ކުރުމަށްވުރެ، ހާދިސާ ހިނގުމުގެ ކުރިން ފިޔަވަޅު އަޅައި، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަކީ، ހިކުމަތްތެރި ވެރިކަމުގެ ލާޒިމް ސިފަ އެކެވެ.

Share this article: Facebook Twitter WhatsApp
Related Articles