ފުނަދޫ އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ޚާއްސަޓީމެއް އެރަށަށް ދަނީ
ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ހެނދުނު 07:00 ހާއިރު ކަމަށްވެފައި، އަލިފާންގަނޑު ނިއްވާލުމަށް ގިނަ އިރުތަކެއް ހޭދަވިއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖަކުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި، ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި ހާދިސާގައި ޖުމުލަ 18 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދިނެވެ. ޝިޔާމް ވިދާޅުވި ގޮތުގައި، އޭގެތެރޭގައި ފަޔާފައިޓަރަކާއި ށ. ފުނަދޫ ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނެއެވެ.
ބާކީ 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ. އަދި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ސީން ޕްރޮސެސްކޮށް ތަޙުޤީގުގައި އެހީތެރިވުމަށް ފުލުހުންގެ ޚިދުމަތުގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ޚާއްސަ ޓީމެއް މާދަމާ ހެނދުނު ފުނަދުއަށް ދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ގެއްލުން ލިބުނު ފަސް ގެއަކުން، 33 މީހަކު ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އޭގެތެރޭގައި އެއް ގެއަކަށް ނިސްބަތްވާ 11 މީހުން ހިމެނެއެވެ.
ފުނަދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، ވަގުތީ ހިޔާތަކުގައި މީހުން ތިބީ ގެސްޓްހައުސްތަކުގައެވެ. އަދި، ގެތައް މަރާމާތުކުރެވުނުހާ އަވަހަކަށް އެ މީހުން އަލުން ގެއަށް ދިރިއުޅުން ބަދަލުވާނެކަން ކައުންސިލުން ފާހަގަކުރިއެވެ.

