ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކުދިންނަށް 1،000ރ. ގެ އިނާމެއް ދޭން އަންހެނުންގެ ކޮމެޓީން ނިންމައިފި!
ހއ. ފިއްލަދޫގައި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ޚާއްޞަ ޕްރޮގްރާމެއް އިޢުލާނުކޮށްފިއެވެ. 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމްގައި އައްމާފޮތް އެއްކޮށް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މާލީ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ފިއްލަދޫ ކައުންސިލުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 20 އަށްވުރެ ގިނަ ކުދިން ވަނީ ނަން ނޯޓުކޮށްފައެވެ. ކޮމެޓީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ހިތުދަސްކުރުމުގެ ފެންވަރު ބެލުމާއި ޤުރްއާން ކިޔުއްވުން އޮންނާނީ ކުރިއަށްއޮތް ރަމަޟާން މަހުގެ ތެރޭގައެވެ. އަދި މި އިމްތިޙާނު ކުރިއަށްގެންދާނީ ޤުރްއާނުގެ ޢިލްމުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ފަރާތްތަކުންނެވެ.
މިފަދަ އިނާމެއް ހުށަހަޅައިގެން ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، އާބާދީގައި 1,200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ފިއްލަދޫގައި މިވަގުތު އެއްވެސް ޙާފިޡަކު ނެތުމުން، އެ ހާލަތު ބަދަލުކޮށް ރަށުގައި އިތުރު ޙާފިޡުން އުފެއްދުމަށް ކުޑަކުދިންނަށް ހިތްވަރު ދިނުމެވެ.
