އީގަލް ހިލްސްގެ ރަސްމާލެ މަޝްރޫއާ މެދު އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނިންމަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ!
ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވާ މައްސަލައިގައި، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށްދާނެ ސީދާ މިސްރާބަކާއި އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 60 އަށްވުރެ ގިނަ މެންބަރުން ސޮއިކޮށް އެދިވަޑައިގަތުމާ ގުޅިގެން ބާއްވާ މި ބައްދަލުވުން ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތަކަށެވެ.
މި މަޝްރޫއާ މެދު އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު، ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކޮށް، އެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ތެދުވުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، މި މަޝްރޫއާ ގުޅިގެން އެމްޑީޕީން ކުރިން ނެރެފައިވާ ރަސްމީ ބަޔާނުގައިވާ ސްޓޭންޑް ދަމަހައްޓަންޖެހޭނެ ކަމަށެވެ. އަދި އެ ސްޓޭންޑާ ހިލާފަށް މަޖިލިސް މެންބަރުން ހަރަކާތްތެރިނުވުމަށްވެސް އެމަނިކުފާނު ވަނީ އިންޒާރު ކުރައްވާފައެވެ.
ނަމަވެސް، ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ބައެއް މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، މި މަޝްރޫއު އޮތް ގޮތަށް އެމްޑީޕީން ދީލައިދީގެން ތިބެގެން ނުވާނެ ކަމަށާއި، ސަރުކާރުން ހިންގާ މި މުއާމަލާތާ ދެކޮޅަށް ޕާޓީން ފާޅުގައި މަސައްކަތް ކުރަންޖެހޭނެއެވެ.
އަނެއްކޮޅުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އީގަލް ހިލްސްގެ މުއާމަލާތާ މެދު ސުވާލު އުފައްދަވައި، އެމްޑީޕީގެ ސަރުކާރެއްގައި އެފަދަ މަޝްރޫއަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ހިންގަވާ އިދިކޮޅު ހަރަކާތްތަކުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވި ނަމަވެސް، އެމްޑީޕީން ރަސްމީ ހައިސިއްޔަތުން އަދި މިއިން އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައެއް ނުވެއެވެ.
އެމްޑީޕީން މީގެ ކުރިން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށާއި، މިނިވަން ވިޔަފާރީގެ ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ. ނަމަވެސް، އީގަލް ހިލްސް ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތުތަކާއި ސަރުކާރުން ހާމަކުރާ މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

