Ad #8Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Info Featured

ހައުސް އޮފް ސައުދު، ހަތްވަނަބައި؛ ތެޔޮ ފެނުމާއި ސައުދީގެ ނަސީބު ބަދަލުވުން | 1938–1980

ހައުސް އޮފް ސައުދު، ހަތްވަނަބައި؛ ތެޔޮ ފެނުމާއި ސައުދީގެ ނަސީބު ބަދަލުވުން | 1938–1980
ތަފްޞީލް


1938 ވަނަ އަހަރަކީ ސަޢޫދީ ޢަރަބިއްޔާގެ ތާރީޚުގައި އިޤްތިޞާދީ ބަދަލެއް އައި އެންމެ މުހިއްމު އަހަރުތަކުގެ ތެރެއިން އެއް އަހަރެވެ. އެ އަހަރު ވިޔަފާރިއަށް ބޭނުންކުރެވޭ މިންވަރުގެ ތެޔޮ ފެނުމުން، އެ ގައުމުގެ އިޤްތިޞާދީ މުސްތަޤްބަލު މުޅިން ބަދަލުވާނެ މަގެއް ހުޅުވުނެވެ. މިއީ ސަޢޫދީ ޢަރަބިއްޔާ މިއަދުގެ ދުނިޔޭގެ ބޮޑެތި ތެޔޮ އުފައްދާ އަދި އެކްސްޕޯޓްކުރާ ދައުލަތްތަކުގެ ތެރެއަށް ވަނުމުގެ ފުރަތަމަ ބޮޑު ފިޔަވަޅެވެ.

ދައްހާރާންގެ ދައްމާމް ވެލް ނަންބަރު 7 އިން ތެޔޮ ފެނުމުން ސަޢޫދީގެ އިޤްތިޞދު ބަދަލުވި - ފޮޓޯ ވިކިމީޑިއާ ކޮމަންސް


ތެޔޮ ފެނުމުގެ ކުރިން ސަޢޫދީ ޢަރަބިއްޔާއަކީ މާލީ ވަޞީލަތްތައް މަދު ދައުލަތެކެވެ. އެ ޒަމާނުގައި އެ ގައުމުގެ އިޤްތިޞާދު މައިގަނޑުކޮށް ބަރޯސާވެފައި އޮތީ ވިޔަފާރިއާއި، ދަނޑުވެރިކަމާއި، ޖަނަވާރު ބެލެހެއްޓުމާއި، ޙައްޖުވެރިންގެ އައުމާއެވެ. މައްކާއާއި މަދީނާގެ އިޤްތިޞާދުގައި ޙައްޖުވެރިންގެ އައުމުގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް، އެ އާމްދަނީއިން މުޅި ގައުމުގެ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަކީ ދަތި ކަމެކެވެ.

 1932 ވަނަ އަހަރު ޒަމާނީ ސަޢޫދީ ދައުލަތް ގާއިމްވުމުން ފަހުން، ޢަބްދުލްޢަޒީޒު އާލް ސަޢުދު ރަސްގެފާނަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކީ އާ ދައުލަތުގެ އިދާރީ ނިޒާމު ހަރުދަނާކޮށް، އާންމު ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ މާލީ ވަޞީލަތް ހޯދުމެވެ. މަގުތަކާއި، ފެނާއި، ސިއްޙީ ޚިދުމަތްތަކާއި، ތަޢުލީމާއި، އެހެނިހެން ބިންގާ ޚިދުމަތްތައް ތަރައްޤީކުރުމަށް ފައިސާއެއް ބޭނުންވިއެވެ.

މި ހާލަތު ބަދަލުވާން ފެށީ 1933 ވަނަ އަހަރު ސަޢޫދީ ސަރުކާރުން އެމެރިކާގެ ސްޓޭންޑަރޑް އޮއިލް އޮފް ކެލިފޯނިއާ ކުންފުންޏާ ތެޔޮ ހޯދުމާއި އުފެއްދުމުގެ އިމްތިޔާޒު އެއްބަސްވުމެއް ހެދުމުންނެވެ. މި އެއްބަސްވުމާއެކު ސަޢޫދީގެ އިރުމަތީ ސަރަޙައްދުގައި ތެޔޮ ހޯދުމުގެ މަސައްކަތް ފެށުނެވެ. ފުރަތަމަ ކުރެވުނު ހޯދުންތަކުން ބޮޑު ކާމިޔާބީއެއް ނުލިބުނު ނަމަވެސް، މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދެވުނެވެ.

1938 ވަނަ އަހަރު މާރިޗު މަހު ދައްމާމް ނަންބަރު 7 ތެޔޮ ވަޅުން ވަނީ ވިޔަފާރިއަށް ބޭނުންކުރެވޭ މިންވަރުގެ ތެޔޮ ފެނިފައެވެ. މިއީ ސަޢޫދީގެ ތެޔޮ އުފެއްދުމުގެ ތާރީޚުގައި ބޮޑު ބަދަލެއް އައި ޙާދިސާއެކެވެ. އެ ވަޅުން ފެނުނު ތެޔޮގެ ސަބަބުން އެ ގައުމުގައި ބޮޑު ތެޔޮ ރިޒާވުތަކެއް ހުރިކަން ދެނެގަނެވުނެވެ. އެހެންވެ، ތެޔޮ ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވި، ތެޔޮ އުފެއްދުމާއި ބޭރަށް ފޮނުވުމުގެ މަގު ފަހިވިއެވެ.

1939 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ފުރަތަމަ ތެޔޮ ބޭރަށް ފޮނުވުނެވެ. މިއީ އެ ގައުމުގެ އިޤްތިޞާދީ ތާރީޚުގައި އާ މަރުޙަލާއެއް ފެށުނު ދުވަސްކޮޅެކެވެ. ނަމަވެސް، އެ އަހަރު ދެވަނަ ދުނިޔޭގެ ބޮޑު ހަނގުރާމަ ފެށުމާއެކު ތެޔޮ އުފެއްދުމާއި އެކްސްޕޯޓްކުރުމުގެ މަސައްކަތަށް ދަތިތައް ކުރިމަތިވިއެވެ. ހަނގުރާމަ ނިމުމަށް ފަހު ތެލުގެ ބޭނުން ދުނިޔޭގައި އިތުރުވުމާއެކު، ސަޢޫދީގެ ތެޔޮ އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއެރައިގެން ދިޔައެވެ.


ސައުދީގެ ފުރަތަމަ ތެޔޮ އެކްސްޕޯރޓް - ފޮޓޯ ސައުދީ އަރާމްކޯ


1950 ގެ އަހަރުތަކާއި 1960 ގެ އަހަރުތަކުގައި ތެލުގެގެ އާމްދަނީ އިތުރުވުމާއެކު، ސަޢޫދީ ސަރުކާރަށް މަގުތަކާއި، ސްކޫލުތަކާއި، ހޮސްޕިޓަލުތަކާއި، ކަރަންޓާއި، ފެނާއި، އެހެނިހެން އާންމު ޚިދުމަތްތަކަށް އިތުރު ފައިސާ ޚަރަދުކުރުމުގެ ފުރުޞަތު ލިބުނެވެ. މިއާއެކު އާ ޚިދުމަތްތަކާއި، އިދާރީ މުއައްސަސާތައް ބިނާވަމުން ދިޔައެވެ.

ތެލުގެ ސަބަބުން އެ ގައުމުގެ މުޖުތަމަޢީ ދިރިއުޅުމަށްވެސް ބޮޑު ބަދަލުތަކެއް އައެވެ. ސަހަރާގެ ދިރިއުޅުމާއި ދަނޑުވެރިކަމަށް ބަރޯސާވެފައި ތިބި ގިނަ މީހުން ޝަހަރުތަކަށް ބަދަލުވަމުން ދިޔައެވެ. ތެޔޮ އިންޑަސްޓްރީއާއި، ބިނާކުރުމާއި، ވިޔަފާރިއާއި، ސަރުކާރުގެ ޚިދުމަތްތަކުގައި އާ ވަޒީފާތަކެއް އުފެދުނެވެ. އަދި ބޭރު ޤައުމުތަކުން މަސައްކަތްތެރިންނާއި ފަންނީ މާހިރުން ސަޢޫދީ ޢަރަބިއްޔާއަށް އައުން އިތުރުވިއެވެ.

1960 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާ ވަނީ ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމިއްޔާ، އޯޕެކް (OPEC) ގާއިމްކުރި ފަސް ޤައުމުތަކުގެ ތެރެއަށް ހިމެނިފައެވެ. މި ޖަމިއްޔާގެ މަޤްޞަދަކީ ތެޔޮ އުފައްދާ ޤައުމުތަކުގެ ސިޔާސަތުތައް ގުޅުވައި، ތެލުގެ ބާޒާރުގައި އެ ޤައުމުތަކުގެ މަޞްލަޙަތުތައް ރައްކާކުރުމެވެ. މި ޖަމިއްޔާގެ ތެރެއިން ސަޢޫދީއަށް ދުނިޔޭގެ ތެޔޮ ބާޒާރުގައި އިތުރު ނުފޫޒެއް ލިބުނެވެ.

ނަމަވެސް، ސަޢޫދީގެ އިޤްތިޞާދީ ތާރީޚުގައި އެންމެ ބޮޑު ބަދަލެއް އައީ 1970 ގެ އަހަރުތަކުގައެވެ. 1973 ވަނަ އަހަރު މެދުއިރުމަތީގައި ހިނގި ހަނގުރާމައާއި އެއާ ގުޅިގެން އެތައް ޢަރަބި ތެޔޮ އުފައްދާ ޤައުމުތަކުން ގެނައި ތެޔޮ އެކްސްޕޯޓްގެ ފިޔަވަޅުތަކުގެ ސަބަބުން، ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް އިތުރުވިއެވެ.

ތެލުގެ އަގު އިތުރުވުމުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވިއެވެ. މި އާމްދަނީ ބޭނުންކޮށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުނެވެ. އާ މަގުތަކާއި، އެއަރޕޯޓުތަކާއި، ބަނދަރުތަކާއި، ސްކޫލުތަކާއި، ހޮސްޕިޓަލުތަކާއި، ކަރަންޓާއި، ފެން ސަޕްލައި ފަދަ ޚިދުމަތްތައް ފުޅާވަމުން ދިޔައެވެ. މިއާއެކު ސަޢޫދީގެ ޝަހަރުތައް އަވަހަށް ބޮޑުވެ، އިޤްތިޞާދީ ހަރަކާތްތައް ފުޅާވެގެން ދިޔައެވެ.

1970 ގެ އަހަރުތަކުގައި ސަޢޫދީ ސަރުކާރުން ތެޔޮ އުފައްދާ ކުންފުނިތަކުގެ މައްޗަށް އޮތް ބާރުވެސް އިތުރުކުރަން ފެށިއެވެ. 1973 ވަނަ އަހަރު ސަޢޫދީ ސަރުކާރުން އަރާމްކޯ (Aramco) ގެ 25 ޕަސެންޓު ހިއްސާ ހޯދިއެވެ. ފަހުން 1974 ގައި މި ހިއްސާ 60 ޕަސެންޓަށް އިތުރުކުރެވުނެވެ. މިއީ އެގައުމުގެ ތެލުގެ ވަޞީލަތްތަކުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އިތުރުކުރުމުގެ މުހިއްމު ފިޔަވަޅެކެވެ.


ތެލުގެ އާމްދަނީ އިތުރުވުމާއެކު ސަޢޫދީގެ ސިޓީތަކުގެ ތަރައްޤީ ހަލުވި ވި - ފޮޓޯ ގެޓީ އިމޭޖެސް



ތެލުގެ ބޫމްގެ ސަބަބުން ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ސައުދީގެ މަޤާމުވެސް ބަދަލުވިއެވެ. ތެޔޮ އުފައްދުމާއި އެކްސްޕޯޓްކުރުމުގެ ބޮޑު ދައުރުގެ ސަބަބުން އެ ގައުމަށް ވަނީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ބޮޑު އަސަރެއް ފޯރުވާ ދައުލަތަކަށް ވެފައެވެ. އަދި އެމެރިކާއާއި ޔޫރަޕުގެ ދައުލަތްތަކާއި، އޭޝިޔާގެ ތެޔޮ ބޭނުންކުރާ ޤައުމުތަކާ އިޤްތިޞާދީ ގުޅުންތައް ފުޅާވިއެވެ.

ނަމަވެސް، ތެލުގެ އާމްދަނީއިން ބޮޑު މުއްސަނދިކަމެއް ލިބުނަސް، އެއާއެކު އާ ގޮންޖެހުންތަކެއްވެސް އުފެދުނެވެ. އެއް ގޮންޖެހުމަކީ އެގައުމުގެ ސަރުކާރުގެ އާމްދަނީ ތެލުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައި ހުރުމެވެ. ދުނިޔޭގެ ތެލުގެ އަގު ދަށްވާ ހިނދު، ސަރުކާރުގެ އާމްދަނީއަށްވެސް އަސަރުކުރާނެކަމެވެ. އަދި އިޤްތިޞާދުގެ ބޮޑު ބައެއް އެއް ވަޞީލަތަކަށް ބަރޯސާވެފައި ހުރުމަކީ ދިގު މުއްދަތުގައި ބޮޑު ރިސްކެކެވެ.

އަނެއް ގޮންޖެހުމަކީ ތެލުގެ އާމްދަނީ ބޭނުންކޮށް ދިގު މުއްދަތަށް ދެމިއޮންނާނެ މުއްސަނދި އިޤްތިޞާދެއް ބިނާކުރުމެވެ. ތެލުގެ އާމްދަނީއިން ޚިދުމަތްތައް ތަރައްޤީކުރެވި، ތަޢުލީމާއި ސިއްޙަތާއި އިދާރީ ނިޒާމު ފުޅާކުރެވުނަސް، ތެޔޮ ފިޔަވައި އެހެން އިޤްތިޞާދީ ދާއިރާތައް ތަރައްޤީކުރުމުގެ ބޭނުން އިތުރުވެގެން ދިޔައެވެ.

މިގޮތުން ތެޔޮ ފެނުމަކީ ސަޢޫދީގެ ނަސީބު ބަދަލުކުރި މުހިއްމު ޙާދިސާއެއް ނަމަވެސް، އެސަބަބަކީ ގައުމު ކުރިއަރާން މެދުވެރިވި ހަމައެކަނި ސަބަބެއް ނޫނެވެ. ތެލުގެ އާމްދަނީ ބޭނުންކުރި ގޮތާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ބޭރު ޤައުމުތަކާ ހެދުނު ގުޅުންތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދުތަކުގެ ދައުރުވެސް މުހިއްމެވެ.

Topics:
Share this article: Facebook Twitter WhatsApp
Ad #9Advertise hereSize: 728 × 90 pxSize: 800 × 200 px Call 768 2001 WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް
ReelsWatch all