ހައުސް އޮފް ސައުދު ދެވަނަބައި: މުޙައްމަދު ބިން ސަޢުދު އަދި ފުރަތަމަ ސަޢޫދީ ދައުލަތް | 1727–1765
1727 ވަނަ އަހަރު އިމާމް މުޙައްމަދު ބިން ސަޢުދު ވަނީ ފުރަތަމަ ސަޢޫދީ ދައުލަތް އުފައްދަވައި، ދިރިޔާ އެ ދައުލަތުގެ ވެރިރަށަކަށް ހައްދަވާފައެވެ. މިއީ އަރަބި ޕެނިންސިއުލާގެ ސިޔާސީ ތާރީޚުގައި މުހިއްމު ބަދަލެއް އައި ޒަމާނެކެވެ. އެ ޒަމާނުގައި މެދުތެރޭ އަރަބިއްޔާގެ ތަފާތު ސަރަޙައްދުތައް ހިންގަމުން ދިޔައީ ތަފާތު ޤަބީލާތަކާއި ކުޑަ އެމިރޭޓްތަކުގެ ވެރިންނެވެ. އެއް މަރުކަޒީ ނިޒާމެއްގެ ދަށުގައި އެ ސަރަޙައްދުތައް ނުހިމެނޭތީ، ސިޔާސީ ބާރާއި ނުފޫޒު ހޯދުމަށް ވާދަވެރިކަން ހުރިއެވެ.

މުޙައްމަދު ބިން ސަޢުދުގެ މަޤްޞަދަކީ ދިރިޔާ ހަމައެކަނި ކުޑަ ވެރިކަމެއްގެ މަރުކަޒެއްގެ ގޮތުގައި ނުބާއްވަވައި، އިތުރަށް ބާރުގަދަ ދައުލަތަކަށް ހެދުމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް އޭނާ ވަނީ ސިޔާސީ ނިޒާމު ހަރުދަނާކުރުމާއި، އިދާރީ ކަންކަން ރާވައި ހިންގުމާއި، ރައްޔިތުންގެ އާމަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރެއްވާފައެވެ. އަދި ވިޔަފާރިއާއި ދަނޑުވެރިކަން ފަދަ އިގްތިސާދީ ކަންކަން ކުރިއެރުވުމަށްވެސް ސަމާލުކަން ދެއްވިއެވެ.
އެ ޒަމާނުގައި ޤަބީލާތަކާއި ތަފާތު ވެރިންގެ މެދުގައި ހުރި ވާދަވެރިކަން މަދުކޮށް، ސަރަޙައްދުގެ އާމަންކަން އިތުރުކުރުމަކީ އޭނާގެ އެންމެ މުހިއްމު އަމާޒުތަކުގެ ތެރޭގައި ހިމެނުނު ކަމެކެވެ. މިގޮތުން އޭނާ ވަނީ ކައިރި އަވަށްތަކާއި ވެރިންނާ ގުޅުން ބަދަހިކޮށް، އެއްބައިވުމާއި އެކުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރެއްވާފައެވެ. މި ގުޅުންތަކުން ދިރިޔާގެ ސިޔާސީ ނުފޫޒު ކައިރި ސަރަޙައްދުތަކަށް ފުޅާވުމަށް މަގު ފަހިވިއެވެ.

މުޙައްމަދު ބިން ސަޢުދުގެ ވެރިކަމުގެ ހިނގި އެންމެ މުހިންމު ޙާދިސާއެއް ހިނގީ 1744 ވަނަ އަހަރެވެ. އެ އަހަރު އޭނާ ވަނީ ދީނީ ޢާލިމު މުޙައްމަދު ބިން ޢަބްދުލްވައްހާބާއެކު މުހިއްމު އެއްބަސްވުމެއް ހައްދަވައިފައެވެ. މި އެއްބަސްވުމުން ސިޔާސަތާއި، ވެރިކަމާއި އަދި ދީނީ ދަޢުވަތުގެ ތެރެއިން ގުޅުން ބަދަހިވެ ފުރަތަމަ ސަޢޫދީ ދައުލަތް އިތުރަށް ފުޅާވުމަށް ބިންގަލެއް އެޅުނެވެ. މި ގުޅުމަކީ ފަހުގެ އަހަރުތަކުގައި ސަޢޫދީ ދައުލަތުގެ ސިޔާސީ އަދި ދީނީ ތާރީޚަށް ބޮޑު އަސަރެއް ކުރި ޙާދިސާއެކެވެ.
އޭނާގެ ވެރިކަމުގެ މުއްދަތުގައި ދިރިޔާ ވަނީ އާމަންކަން ހުރި، އިދާރީ ގޮތުން ހަރުދަނާ އަދި ސިޔާސީ ގޮތުން ނުފޫޒުގަދަ މަރުކަޒަކަށް ކުރިއަރަމުން ގޮސްފައެވެ. އެ ދައުލަތުގެ ބާރު އިތުރުވުމާއެކު، ނަޖުދުގެ އެހެން ސަރަޙައްދުތަކަށްވެސް އެ ދައުލަތުގެ ނުފޫޒު ފުޅާވެގެން ދިޔައެވެ. މި ކުރިއެރުންތަކީ އެއް ދުވަހެއްގައި ޙާޞިލުވި ކަންކަމެއް ނޫނެވެ. އެއީ އަހަރުތަކަށް ކުރެވުނު ސިޔާސީ، އިދާރީ އަދި އާރުތިޞާދީ މަސައްކަތްތަކުގެ ނަތީޖާއެކެވެ.

1765 ވަނަ އަހަރު މުޙައްމަދު ބިން ސަޢުދު އަވަހާރަވުމުން، އޭނާގެ ދަރިފުޅު ޢަބްދުލްޢަޒީޒު ބިން މުޙައްމަދު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަނެފައެވެ. އެއާއެކު ފުރަތަމަ ސަޢޫދީ ދައުލަތް އިތުރަށް ފުޅާކުރުމުގެ އާ މަރުޙަލާއެއް ފެށުނެވެ.
މުޙައްމަދު ބިން ސަޢުދުގެ 38 އަހަރުގެ ވެރިކަމަކީ މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ ތާރީޚުގައި ވަރަށް މުހިއްމު ޒަމާނެކެވެ. އޭނާ އެޅި ސިޔާސީ އަދި އިދާރީ ބިންގަލަކީ ފަހުން ސަޢޫދީ ދައުލަތް ފުޅާވެ، އިތުރަށް ބާރުގަދަ ދައުލަތަކަށް ބަދަލުވުމަށް މަގު ފަހިކޮށްދިން ބިންގަލެކެވެ.
