ދިއްދޫގައި ނިމިފައިވާ 75 ރޯހައުސްއަށް 1100 ވުރެ ގިނަ ފަރާތްތަކުން ފޯމް ހުށަހެޅި: ކައުންސިލްގެ ރައީސް
ހއ.ދިއްދޫ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރު ރައީސް ސޯލިހުގެ ވެރިކަމުގައި ދިއްދޫގައި އިމާރާތް ކުރަން ފެށި 75 ރޯ ހައުސްގެ މަސައްކަތް ނިމި މިހާރުދަނީ، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންނަކީ ކޮބައިތޯ ބަލަމުންނެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ ރޯހައުސްގެ ހުރިހާ މަސައްކަތްތަކެއްހެން ނިމިފައިވާ ކަމަށާއި ހައުސިން މިނިސްޓްރީން މިހާރު އެތަންތަނުގެ އިންސްޕެކްޝަންވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ދިއްދޫ އަކީ ގެދޮރުވެރިކަމަށް ވަރަށް ބޯޑަށް ބޭނުން ޖެހިފައިވާ ރަށެއްކަން ފާހަގަކުރައްވާ އުސްމާން ވިދާޅުވީ 1100 އަށް ވުރެ ގިނަ މީހުން 75 ރޯހައުސްއަށް ކުރިމަތިލާފައިވާ ކަމަށެވެ.
"މިހާރު ކުރިއަށްދަނީ މި ރޯހައުސްތަކަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ކަނޑައަޅެމުގެ މަސައްކަތް. މި ރަށަކީ ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެއް." ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވިއެވެ.
ދިއްދޫގައި ތަރައްގީ ކޮށްފައިވާ ހައުސިން މަޝްރޫޢޫގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްއެވެ. އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމު ހިމެނެއެވެ. މި މަސައްކަތް ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން އިންނެވެ.
ހއ. ދިއްދޫއަކީ، މާލެއިން އުތުރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. އާބާދީގައި 5000 މީހުންް ހިމެނޭ ދިއްދޫގައި، ތަޢުލީމު ހާަސިލުކުރުމަށާއި، ޞިއްޙީ ފަރުވާ ފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށްގެން ދިރިއުޅޭ މީހުންނާއެކު އާބާދީ 7000 އަށް އަރާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައި ވެއެވެ.
އާބާދީ އިތުރުވަމުން އަންނަ އެހެން ރަށްތަކެކޭ އެއްގޮތަށް، ދިއްދުއަކީވެސް އެކަށީގެންވާ ބޯހިޔާވަހި ކަމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ.
2008 ވަނަ އަހަރުވެސްވަނީ، އެރަށުގެ ބިން ހިއްކައި، 250 ރޯހައުސް އިމާރާތްކޮށް ރަށުގެ ރައްޔިތުންނަށް ދޫކޮށްފައެވެ. އަދި އެތަންތަނުގައި މިހާރުވެސް މީހުން އަންނަނީ ދިރިއުޅެމުންނެވެ. މީގެ އިތުރުން ދާދިފަހުން އެރަށުން ހިއްކާފައިވާ 112 ހެކްޓަރުގެ ބިމުންވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.