ޗެއިން އޮފް ޕާލްސް އިން ވިލިމާލޭގައި ޚާއްސަ ޙަރަކާތްތަކެއް ހިންގަނީ

Advertisement
ޗެއިން އޮފް ޕާލްސް އިން ވިލިމާލޭގައި ޚާއްސަ ޙަރަކާތްތަކެއް ހިންގަނީ
ތަފްޞީލް

ޗެއިން އޮފް ޕާލްސް ޖަމިއްޔާގެ އަހަރީ ދުވަހާއި ގުޅިގެން ވިލިމާލޭގައި ޚާޢްސަ ޙަރަކާތްތަކެއް ބޭއްވުމަށް އެޖަމިއްޔާއިން ނިންމައިފިއެވެ. މިޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ޒުުވާނުންގެ މަރުކަޒުގައެވެ. ޙަރަކާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮޮކްޓޫބަރު މަހުގެ 24 ވާ ހޮނިހިރު ދުވަހުއެވެ. އެދުވަހުގެ ހެނދުނާއި ހަވީރު މިކަމާ ގުޅޭ ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.  އެގޮތުން ހެނދުނު 8:00ން 11:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ފަތްމިނި ކޭމްޕް” ގެ ނަމުގައި ކުރިއަށްގެންދާ ޒުވާނުންގެ ކޭމްޕެކެވެ. މިކޭމްޕުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވާން އަންހެނުންނަށެވެ. މި ކޭމްޕްގައި މަޖާ ކުޅިވަރުތަކާއި، ދީނީ މަޢުލޫމާތު ދިނުމުގެ އިތުރުން އިނާމު ދެވޭނެއެވެ. މި ކޭމްޕްގައި ބައިވެެެރިވުމަށް އެޖަމިއްޔާގެ ފޯނު ނަންބަރު 7207271 އަކަށް ވައިބަރ ކުރުމަށް އެޖަމިއްޔާއިން އެދެއެވެ.

ހަވީރު ބޭއްވުމަށް ހަމަޖެހިވަނީ އިސްރަށްވެހިންގެ ހަވީރެެކެވެ. މި ހަވީރަކީ ވިލިމާލޭގައި ދިރިއުޅުއްވާ އިސްރަށްވެހިންގެ ތެރެއިން ކަނބަލުންނަށް ޚާއްސަ ކޮށްގެން ބާއްވާ ހަވީރެކެވެ. އިސްރަށްވެހިންގެ ހަވީރު އޮންނާނީ ހަވީރު 4:30ން އިރުއޮށްސި 6:00އަށް ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައެވެ.  މި އިސްރަށްވެހިންގެ ހަވީރުގައި ދީނީ މަޢުލޫމާތު ދިނުމާއި، އިސްރަށްވެހިންނާއެކު ކުރިއަށްދާ ހަވީރު ސައެއް އޮންނާނެއެވެ. މީގެ އިތުރުން އިސްރަށްވެހިންނާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް އެބޭފުޅުންނާއި އެކު ބައެއް ކުޅިވަރުތައް އޮންނާނެ ކަމަށްވެސް އެޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.  އިސްރަށްވެހިންގެ ހަވީރާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޖަމިއްޔާގެ ރައީސާ މަރިޔަމް ޖަލީލް 7828202، އަދި ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރ ޙަސްނާ އަޙްމަދަށް ގުޅުމަށް އެޖަމިއްޔާއިން އެދެއެެވެ. 

ޗެއިން އޮފް ޕާލްސް އިން ބުނެފައިވަނީ މި ޙަރަކާތްތައް ވިލިމާލޭގައި ކުރިއަށް ގެންދަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު ޙިޝްމާ އަޙްމަދުގެ އެހީތެރި ކަމާއި އެކުގައި ކަމަށެވެ. ޗެއިން އޮފް ޕާލްސްއަކީ 2025 ވަނަ އަހަރު އެކުލަވައި ލެވުނު ޖަމިއްޔާއެކެވެ. މިޖަމިއްޔާއަކީ އިސްލާމްދީނުގެ އިމުގެ ތެރެއިން އަންހެނުންް ބާރުވެރިކުރުވާ، އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތު ވެފައިވާ މުޖްތަމަޢަކަށް މުޖްތަމަޢު ހެދުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މިޖަމިއްޔާގެ މިފަދަ ބައެއް ޙަރަކާތްތައް ހިންގާފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް