އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒު: ފަށާފައިވާ މަޝްރޫޢުތަކުގެ 70% ނިންމައި ހަވާލުކުރުން!
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްދާއިރު، ބަޖެޓުގެ އެންމެ އިސް އިސްކަމެއް ދޭނީ އާ މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި، މިހާރު ފެށިފައިވާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ!
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ފެށިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ބޮޑު ބައެއް ނިންމައި، އޭގެ ފައިދާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ މަދުވެގެން 70 އިންސައްތަ މަސައްކަތް އެއްކޮށް ނިންމައި، ރައްޔިތުންގެ ބޭނުމަށް ހުޅުވާލުމަށް ވަނީ ރޭވިފައެވެ. ސަރުކާރުން އަންނަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، މާލީ ޙާލަތު ހަރުދަނާކުރުމަށްޓަކައި ޚާއްޞަ އިޞްލާޙީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ބަޖެޓު އެކުލަވާލަނީ އިސްރާފު ކުޑަކޮށް، ނަތީޖާ ނެރެވޭނެ ގޮތަށެވެ.
