އާމްދަނީގެ ގޮތުގައި ފަސްދޮޅަސް ހާސް ރުފިޔާ ލިބޭ ފަރާތްތަކުން އާސަންދަ ކޯ ޕޭމަންޓް ދައްކަންޖެހޭ
މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ހިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް އަންނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަގާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާ ގުޅޭގޮތުން އެކުލަވާލި އުސޫލު މިހާރު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
ހެލްތް މިނިސްޓްރީން އާންމުކުރި އިއުލާނުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުންނެވެ.
އެހެންކަމުން ސަރުކާރުގެ ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ.
މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައިވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
60000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. މިގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއުސޫލަށް އަމަލުކުރުމަށް ފެށުމަށް ވަނީ ނިންމާފައެވެ.
އެމީހަކަށް ލިބޭ އާމްދަނީ ބޮޑު ނަމަވެސް، އެކިއެކި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ ފަންނުވެރިން ޤައުމުގައި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް މި އުސޫލުން ވަނީ އިސްތިސްނާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
- ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
- އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން