32,000 ރުފިޔާގެ ވަޓްސްއެޕް ސްކޭމެއްގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި!
މާލެ — ވަޓްސްއެޕް މެދުވެރިކޮށް މަކަރާއި ހީލަތުން 32,000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައަކީ މި އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ:
ހުސައިން ސާމިރު (40 އ) / ހ. ވެލަސްފަރުގެ
އަހްމަދު ސުޖާއު (46 އ) / ހ. ޖޯޖެޑްވިލާ
މުހައްމަދު ރީހާން (33 އ) / ދަފްތަރު ނަންބަރު ރސ 6007
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން ސާމިރު އާއި އަހްމަދު ސުޖާއު 15 ދުވަހުގެ މުއްދަތަށް އަދި މުހައްމަދު ރީހާން 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުންގެ އިލްތިމާސް
މިފަދަ އޮންލައިން މަކަރާއި ހީލަތުގެ މުޢާމަލާތްތައް އިތުރުވަމުންދާތީ، ޢާންމުން ސަމާލުވުމަށް ފުލުހުން ވަނީ ޚާއްޞަ އިރުޝާދުތަކެއް ނެރެފައެވެ:
ނޭނގޭ ލިންކުތަކަށް ނުވަނުން: ސޯޝަލް މީޑިއާއާއި އޮންލައިން ޕްލެޓްފޯމްތަކުން ފޮނުވާ ގޮތްނޭނގޭ ލިންކުތަކަށް ނުވަނުން.
އޯޓީޕީ ސިއްރުކުރުން: ބޭންކިންގ އަދި އެކައުންޓްތަކުގެ OTP ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުން.
ސައްޙަކަން ކަށަވަރުކުރުން: އޮންލައިންކޮށް ވިޔަފާރިއާއި ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ކުރިން މުޢާމަލާތްކުރާ ފަރާތުގެ ސައްޙަކަން ޔަޤީންކުރުން.
ޒާތީ މައުލޫމާތު: ބޭންކު އެކައުންޓްގެ ތަފްޞީލާއި ޒާތީ މަޢުލޫމާތު އެހެން މީހުންނަށް ނުދިނުން.
އެއްވެސް މަކަރާއި ހީލަތުގެ ޢަމަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް ފުލުހުން އެދެއެވެ.

