2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް މެންބަރު ސަލީމް އަދި ނައިބަކަށް މެންބަރު ފަޒާދު އިންތިޚާބުކޮށްފި
އަންނަ 2027 ވަނަ އަހަރަށް ދައުލަތުން ކަނޑައަޅާ މާލީ ބަޖެޓު ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިގެން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަލުން ވަނީ އިންތިޚާބުކޮށްފައެވެ.
މިއީ ވޭތުވެދިޔަ އަހަރުތަކުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތުގައިވެސް ކޮމިޓީގެ މުޤައްރިރުކަން ކުރެއްވި ސަލީމް މި މަޤާމަށް ހޮވުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު އަޙްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުއްﷲ ޝާރިފް ތާޢީދުކުރެއްވިއިރު، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ. މީގެ އިތުރުން ކޮމިޓީގެ ނައިބު މުޤައްރިރަކަށް އިންތިޚާބުކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ދިވެހި ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓަށްވުރެ 4.5 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވަނީ ބަޖެޓުގެ ބަޙުޘް މަރުޙަލާގައި ކޮންމެ މެންބަރަކަށްވެސް ވާހަކައްކަވަން 15 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށެވެ. އަދި ބަޖެޓު ދިރާސާކުރުމުގެ މުޅި މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް ކޮމިޓީން ވަނީ އަމާޒުހިފާފައެވެ.

