ވޮޝިންގްޓަން ޕޯސްޓްގެ ފޮޓޯގްރާފަރަށް އިސްރާއީލު ވަޒަންވެރިން ދިން ހަމަލާ އެމެރިކާ ކޮންގްރެސް މެންބަރުން ކުށްވެރިކޮށްފި!
ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދަނޑުވެރިން ޒައިތޫނި ކަނޑަމުންދިޔަ ވަގުތު، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން ދިން އަނިޔާވެރި ހަމަލާއެއްގައި އެމެރިކާގެ "ވޮޝިންގްޓަން ޕޯސްޓް" އަށް މަސައްކަތްކުރާ ތަޖުރިބާކާރު ފޮޓޯގްރާފަރު ހައިޑީ ލެވީންއަށް ބޮޑެތި އަނިޔާތަކެއް ވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ވަނީ ފަށާފައެވެ.
މި ހާދިސާގައި އިސްރާއީލު ވަޒަންވެރިން ވަނީ ހައިޑީ ލެވީން ބިމަށް ވައްޓާލައި، އޭނާގެ ގައިގައި ކޮޅުފައިން ޖަހައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ އިތުރުން، އޭނާގެ ކެމެރާ ސާމާނާއި، ޕާސްޕޯޓާއި، ފޯނު އަދި ފައިސާ ފޭރިގަނެފައެވެ. މި ހަމަލާ ހިނގިއިރު އިސްރާއީލުގެ އަސްކަރިއްޔާއިން އެމީހުން ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ކޮންގްރެސް މެންބަރު ރޯ ކަންނާ ވަނީ އިސްރާއީލުގެ ވަޒަންވެރިންނަށް އެއްވެސް ބިރެއްނެތި މިފަދަ ޖަރީމާތައް ހިންގުމުގެ ފުރުސަތު ދީފައިވާތީ، އެމީހުންގެ ހަރަކާތްތަކަށް ޚަރަދުކުރުމަށް އެމެރިކާއިން ދޭ އެހީތަކާއި ހަތިޔާރު ވިއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ސެނެޓަރު ކްރިސް ވަން ހޮލެން އެމެރިކާގެ ރައްޔިތުންނާއި ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލު ވަޒަންވެރިން ދޭ ހަމަލާތަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭ މައްސަލައިގައި ޓްރަމްޕްގެ އިދާރާއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލެއްވިއިރު، ކޮންގްރެސް މެންބަރު ރޯސާ ދެލޯރޯ ވަނީ ދުވާލުގެ އަލީގައި ކެމެރާ ކުރިމަތީގައި އެމެރިކާގެ ނޫސްވެރިއަކަށް މިފަދަ އަނިޔާއެއް ދޭއިރު، އެއްވެސް މީހަކު ބަލަން ނެތް ތަންތަނުގައި ފަލަސްތީނުގެ އާއިލާތަކަށް އިސްރާއީލު ވަޒަންވެރިން ކުރާނެ އަނިޔާ އަންދާޒާކޮށްލަންވެސް ނޭނގޭކަމަށް ވިދާޅުވެ، މިކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (CAIR) އާއި ރިޕޯޓާސް ވިތައުޓް ބޯޑާސް (RSF) އިން ވަނީ ނޫސްވެރިންނަށް ދެވޭ މިފަދަ ހަމަލާތައް ހުއްޓުވައި، ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންގެ ބިންތައް ފޭރުމަށް ހިންގާ ކިބުރުވެރި އަމަލުތައް އިސްރާއީލު ސަރުކާރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ބާރުއެޅުމަށް އެދިފައެވެ.
