ވިލިމާލޭގެ ޓާރޝިއަރީ ހޮސްޕިޓަލް އަޅަން، ހޮސްޕިޓަލުގެ ޚިދުމަތްތައް "އަމާން ހިޔާ" އަށް ވަގުތީ ގޮތުން ބަދަލުކޮށްފި!
ވިލިމާލޭގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ ބޮޑު މަޝްރޫއަށް މަގުފަހިކުރުމުގެ ގޮތުން، ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި އެންމެހައި ޚިދުމަތްތައް "އަމާން ހިޔާ" (ކުރީގެ ކުޑަކުދިންގެ ހިޔާ) އިމާރާތަށް ވަގުތީ ގޮތުން ބަދަލުކޮށްފިއެވެ. މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މައުލޫމާތުދޭ ގޮތުގައި، ހޮސްޕިޓަލުގެ އިމަރޖެންސީ، އޯޕީޑީ އަދި އެހެނިހެން އެޑްމިޓްކޮށްގެން ދޭ ޚިދުމަތްތައް ހުއްޓުމެއްނެތި ދެން ކުރިއަށްދާނީ "އަމާން ހިޔާ" އިމާރާތުގައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ވިލިމާލޭގައި 100 އަށްވުރެ ގިނަ އެނދުގެ ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރެވޭނެއެވެ.
އާ ހޮސްޕިޓަލް އިމާރާތްކޮށް ނިމެންދެން (ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު) އާންމުންނަށް ސިއްހީ ޚިދުމަތްތައް ފޯރުކޮށްދޭނީ އަމާން ހިޔާ އިމާރާތުންނެވެ. މީގެ ކުރިން ބޭނުންކުރި ހޮސްޕިޓަލަކީ ޖާގައިގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ދަތިތަކެއް ހުރި ތަނަކަށްވުމުން، އާ ހޮސްޕިޓަލާއެކު ވިލިމާލޭގެ އާބާދީއަށް ސިއްހީ ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަމާން ހިޔާ އިމާރާތުން ޚިދުމަތް ދޭން ފެށި ނަމަވެސް، އިމަރޖެންސީ ޙާލަތްތަކުގައި ޚިދުމަތް ހޯދުމަށް ކުރިން ގުޅަމުން އައި ނަންބަރުތަކާއި އުސޫލުތަކަށް ބަދަލެއް ނާންނާނެއެވެ.