ވަކިކުރަން މަޖިލީހަށް ހުށަހެޅުމާއެކު، ސިވިލް ކޯޓުގެ ފަނޑިޔާރު އިޙްސާން މަގާމުން އިސްތިއުފާ ދެއްވައިފި!
ސިވިލް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އިޙްސާންގެ މައްޗަށް ހުށަހެޅުނު ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން, އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނިކޮށް، އޭނާ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަނޑިޔާރު އިޙްސާންގެ މައްޗަށް ސިވިލް ކޯޓުގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ހުށަހެޅުމާ ގުޅިގެން، ޖޭއެސްސީން ވަނީ އޮގަސްޓް 19 އިން ފެށިގެން 60 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މައްސަލަ ބެލުމަށްފަހު، އޭނާގެ މައްޗަށް ކުރެވުނު ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމައި، ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީވާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީގެ ނިންމުމަށް ބަލައި, ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ. ނަމަވެސް، މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން އިޙްސާން ވަނީ އިސްތިއުފާ ދެއްވާފައެވެ. ފަނޑިޔާރު އިޙްސާންގެ އިސްތިއުފާއާއެކު، ސިވިލް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް އާ ފަނޑިޔާރަކު އައްޔަންކުރުމުގެ މަރުހަލާ ޖޭއެސްސީން ކުރިއަށްގެންދާނެއެވެ.

