ސުވާލުކުރުމާއި ސަކުވާކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ: މެންބަރ ހުސައިން

ހަމައެކަނި މެންބަރުންނަށް ހާއްސަ އިންޝުއަރެންސެއް އޮންނާތީ އެކަމާގުޅޭގޮތުން ރައްޔިތުން ހުށަހެޅި ޕެޓިޝަނަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ފާޑުވިދާޅުވަމުން ދަނިކޮށް، ސުވާލު ކުރުމާއި ޝަކުވާ ކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެ ކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ. މިއީ ސަރުކާރަށް ނިސްބަތްވާ މެންބަރަކަށް ވިދާޅުވެވުނު ވަރަށް ރަނގަޅު ވާހަކަފުޅެކެވެ.
މެންބަރުންގެ އިންޝުއަރެންސާ ގުޅޭ ގޮތުން ހުށަހެޅި ޕެޓިޝަނަށް ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ، ސުވާލު ކުރުމުގެ "ހުރިހާ ހައްގެއް" ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.
"އެބޭފުޅުންނަށް އެ ސުވާލު އުފެއްދުމުގެ ހައްގު އޮންނާނެ. އެ ސުވާލު އުފައްދައިގެން ވާހަކަ ދެއްކުމުގެ އަދި އެބޭފުޅުން ކަންބޮޑުވާ ކަމެއް އޮތިއްޔާމު އެވާހަކައަށް ވެސް މިތަނުގައި ސުވާލު ކުރިމަތިކުރުމުގެ ހުރިހާ ހައްގެއް ރައްޔިތުންނަށް ލިބިގެންވާނެ،" ހުސެއިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ހާދިމުންކަން ވެސް ހުސެއިން ޝަރީފް ފާހަގަ ކުރެއްވި އެވެ.
"ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުންގެ މަތީގައި ތިބޭ ބައެއް ނޫން. ރައްޔިތުން ދޭ މަގާމެއްގައި، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި މި މަޖިލީހަށް ވަންނަނީ 'އިއްޒަތްތެރި' ކީ ކަމުވައި ވިޔަސް،" އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ހުސެއިން ގޮވާލެއްވީ ނިޒާމުތަކުގައި އަދުލުވެރިކަން ގާއިމް ކުރުމަށެވެ.
"އަޅުގަނޑުމެންގެ ނިޒާމުގެ ތެރޭގައި އަދުލުވެރިކަން ގާއިމް ކުރުމަށް އަޅުގަނޑު ނަސޭހަތްތެރިވާނީ. މޫނަކަށް، ކަނދުރާއަކަށް، ދިގު މިނަކަށް، ކުރު މިނަކަށް ނުބަލާ ރައްޔިތަކަށްޓަކައި ތިމަންނާއަކީ ހިދުމަތް ފޯރުކޮށްދޭން ހުރި މީހާކަން ދަނެގެން ހިދުމަތް ފޯރުކޮށްދޭ ނަމަ މި މައްސަލައަށް ހައްލު އަންނާނެ،" އޭނާ ވިދާޅުވި އެވެ.
އެ ޕެޓިޝަނަށް ބަހުސް ކުރަމުން ޕީއެންސީގެ ވަރަށް ގިނަ މެންބަރުން ވަނީ ރައްޔިތުންނަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ.
"މިހެން އޮތް ނިޒާމެއް މިއީ، ވަރަށް މޮޅު ނިޒާމަކަށް ހަދައިގެން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންނާ ދޭތެރޭގައި ފިތުނަފަސާފަ އުފެދޭނެ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހަގީގަތުގައި ވަރަށް ހިތާމަހުރި ކަމެއް،" ފަލާހު ވިދާޅުވި އެވެ. ފަލާހު މިގޮތަށް ވިދާޅުވިއިރު ދިވެހިރާއްޖޭގައި މިހިނގަނީ ޖުމްހޫރީ ވެރިކަމެއްކަމާއި، ސުވާލުކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާނެކަން އެމަނިކުފާނަށް އެނގިވަޑައި ނުގަތްކަމީ ދެރަކަމެކެވެ.