ސަރުކާރުގެ ތިންބާރުގައި ހިމެނޭ އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީ

ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ( އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ) ޒިހާން ހަސަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "ހަސަން ޒިހާން ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއް، އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. އެހެންވެ، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ކިޔަވައިގެން، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅު އެވެ. އޭރު އޭނާގެ ގާތް މީހުން ތުހުމަތުކުރި ގޮތުގައި ސިފައިންގެ އިން ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީވެ އެވެ.
އޭގެ ފަހުން މި ސަރުކާރުން އޭނާ އަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. ފަހުން މަގާމުން ވަކިކުރި އެވެ. އޭގެ ފަހުން އޭނާ އަންނަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.