ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވުމަށް މުސާރަވެރިން ބޭނުންކުރަނީއެވެ.



ދައުލަތުގެ ނިޒާމު ހިންގުމުގައި ޤާނޫނުގެ ވެރިކަމާއި އިންސާފު ޤާއިމުކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް އެންމެ މުހިންމު ޒިންމާއެވެ. ނަމަވެސް، ސިޔާސީ މަންފާއަށްޓަކައި އަދި ސަރުކާރުގެ ނާޤާބިލުކަމާއި ނުކުޅެދުންތެރިކަން ފަރުދާކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމަކީ މިއަދު ފެންނަމުންދާ ނުރައްކާތެރި ހަޤީޤަތެކެވެ. މިއީ މުޅި ދައުލަތުގެ އޮނިގަނޑު ހަލާކުކޮށްލާ، ރައްޔިތުން އިޖްތިމާޢީ އަދި އިޤްތިޞާދީ އަޅުވެތިކަމެއްގެ ތެރެއަށް ވައްޓާލާ ކަމެކެވެ.
ސަރުކާރުން ބޭނުންވާ ސިޔާސަތުތަކަކީ ރަނގަޅު ކަންކަން ކަމުގައި ދެއްކުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރާ އެއް ކަމަކީ މުސާރަވެރި މުވައްޒަފުން ލައްވައި އެކި ޕްލެޓްފޯމްތަކުގައި ޒާތްޒާތުގެ ޕޯސްޓްތައް ހަޤީޤަތާއި ދެކޮޅަށްވެސް ލިޔުއްވުމާއި ތަންދޮރު އޮޅުންފިލާ ޒިންމާދާރު ބޮޑުތި މީހުން ލައްވައި ކުރުވަމުން ގެންދިއުމެވެ.
ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް، ސަރުކާރުގެ ކޮންމެފަދަ ނިންމުމަކަށް ތައުރީފުކޮށް ކެމްޕޭނުތައް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރެވެއެވެ. މިފަދަ ގޮތަކަށް މުވައްޒަފުންގެ "މަޖުބޫރީ" ހާލަތު ބޭނުންކޮށްގެން ހަޤީޤަތް އޮޅުވާލުމަކީ ދައުލަތެއްގެ ޒިންމާދާރުކަން ކުޑަވެ، ބުއްދި އާއި ވިސްނުމާއި އާއްމު ހަމަތައް ފުނޑުފުނޑުވެގެންދާ ކަންކަމެކެވެ.
ސަރުކާރުން ތާއީދުކުރާ ނަތީޖާއެއް ނެރުމަށްޓަކައި، ދައުލަތުގެ އޮފީސްތަކާއި ދައުލަތުގެ ކުންފުނިތަކުގެ މެނޭޖްމަންޓުން ނުފޫޒު ފޯރުވައިގެން އެއްވުން ތަކަށް ގެންދިއުމާއި ޕެޓިޝަންތަކުގައި ސޮއިކުރުވުމާއި އެކަންކަން މޮނިޓަރކުރުމަކީ އާންމު ކަމަކަށް ވެއްޖެއެވެ.
ސަރުކާރުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ ނުވަތަ މިނިވަން ޚިޔާލު ފާޅުކުރާ މުވައްޒަފުންނަށް ދަނީ އެކި ގޮތްގޮތުން ބިރުދައްކާ ފިޔަވަޅުތައް އެޅުން އާއްމު ކަމަކަށް ވެއްޖެއެވެ. މިގޮތުން ހަޤީޤަތެއް ނެތް ހުއްޖަތްތައް ދައްކައިގެން މުވައްޒަފުން ސަސްޕެންޑްކުރުމާއި، އެކަހެރިކުރުމާއި، ވަޒީފާއިން ވަކިކުރުން ފަދަ ލާއިންސާނީ ފިޔަވަޅުތައް އަޅަމުން ގެންދެއެވެ. ވަގުތީ ސިޔާސީ ބޭނުންމަށްޓަކައި އާއްމު އާދާލަތު ވެއްޔާ މޮޑެލަނީއެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ތަންފީޒުކޮށްދޭ އިސްވެރިންނާއި ބައިވެރިންނަށް އެކި ނަންނަމުގައި ޚާއްޞަ އެލަވަންސްތަކާއި ހަދިޔާ އަދި އިމްތިޔާޒުތައް ދިނުމަކީ މިހާރަކަށް އައިސް ކޮރަޕްޝަންގެ ފުޅާ ވިއުގައެކެވެ.
މިފަދަ ނާޖާއިޒު މަންފާތަކުގެ ސަބަބުން، ދައުލަތުގެ މުއައްސަސާ ތަކާއި ދައުލަތުގެ ކުންފުނިތަކުގެ ޙަޤީޤީ ލަނޑުދަނޑިތައް ގެއްލި، ދައުލަތުގެ މުޅި އޮނިގަނޑު ސިޔާސީ ހަތިޔާރަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އަދި މިފަދަ ނޭދެވޭ އަމަލުތައް ބަލައި ފިޔަވަޅު އަޅަންޖެހޭ މުއައްސަސާތައް ވަނީ ބާރުކަނޑުވާލައި، ޕެރަލައިޒް ކޮށްފައެވެ. ބޭނުންނެތް ތަންތަނަށް ހަދާފައެވެ.
މި ނުރައްކާތެރި އަމަލުތަކުގެ އެންމެ ބޮޑު ގެއްލުމަކީ ދިވެހި މުޖުތަމަޢުގެ އުފެއްދުންތެރިކަން ހުއްޓި، ބުއްދި ވިސްނުމުގައި ތަޅުއެޅުވިގެން ދިއުމެވެ. ވަޒީފާގެ ބިރަށްޓަކައި ހަޤީޤަތް ފޮރުވައި، ނާއިންސާފަށް ބޯލަނބަން ޖެހުމުން މީހުންގެ އީޖާދީ ޤާބިލުކަން ގެއްލިގެންދިއުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ކޮންމެ ދުވަހަކު ތާށިވަމުން ދަނީ އިޤްތިޞާދީ އަދި އިޖްތިމާޢީ އަޅުވެތިކަމެއްގެ ތެރޭގައެވެ.
ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވުމަށް މުސާރަވެރިން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ ޤައުމުގެ ކުރިމަގު އަނދިރިކޮށްލާ އަޅުވެތި ކަމަށް ލޯބި ކުރުވާ ބޮޑު ޖަރީމާ އެކެވެ. ދައުލަތް ހިންގިމުގެ ނުރަނގަޅު ސަގާފަތްތައް ބަދަލުކުރެވޭނީ ދައުލަތުގެ ވަޒީފާތަކަކީ ސިޔާސީ، ފައިސާ އަދި ނާޖާއިޒް އިމްތިޔާޒު ތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ތަންތަން ކަމުގައި ހަދައި، ޒިންމާދާރު ކުރުވުމުގެ ނިޒާމު ވަރުގަދަ ކޮށްގެންނެވެ. އަދި އަޅުވެތި ކަމުގެ ނުފޫޒުން މިނިވަންވެ ދައުލަތުގެ ތެރޭގައި ނުރަނގަޅުކޮށް ހިންގާ ކަންކަމަށް ފާރަވެރި ވުމާއެކު ޤައުމުގެ ކަންކަމާމެދު ވިސްނާ ޚިޔާލުފާޅުކުރުމުގެ ފުރިހަމަ ޖާގަ ލިބިގެން މެނުވީ ޤައުމަށް ހަޤީޤީ ކުރިއެރުމެއް ނުގެނެވޭނެއެވެ.