News Featured

ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ކުރި ޚަރަދު 14 ޕަސެންޓް އިތުރުވެއްޖެ

Advertisement
ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ކުރި ޚަރަދު 14 ޕަސެންޓް އިތުރުވެއްޖެ
ތަފްޞީލް

ސަރުކާރުން މިއަހަރު މުސާރައަށް ކުރި ޚަރަދު 14 ޕަސެންޓް އިތުރުވެ، 5.6 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.


މި މަހުގެ 15ގެ ނިޔަލަށް ސަރުކާރުން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވާގޮތުން މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުތައް އެއަށްވުރެ އިތުރުވެ، 36.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އެ ހިސާބުން ދައްކައެވެ.


ސަރުކާރުގެ ޚަރަދުތަކުގެ ބޮޑު ބަޔަކީ ރިކަރަންޓު ޚަރަދު ކަމަށްވާއިރު، އޭގެ ތެރޭގައި މުސާރައާއި ޕެންޝަނާއި އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ހިމެނެއެވެ. އެގޮތުން ރިކަރަންޓު ޚަރަދު 31.3 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި މުސާރައާއި އުޖޫރައާއި ޕެންޝަނަށް 12 ބިލިއަން ރުފިޔާގެ ހޭދަކޮށްފައި ވެއެވެ.


ޚަރަދުތައް ވަކިވަކި ބައިތަކަށް ބަހާލާއިރު، މުސާރައާއި އުޖޫރައަށް 5.56 ބިލިއަން ރުފިޔާ ޚަރަދަކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 4.87 ބިލިއަން ރުފިޔާގައެވެ. އަދި އިނާޔަތްތަކަށް ކުރި ޚަރަދު 4.73 ބިލިއަން ރުފިޔާއަށް އަރާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.9 ޕަސެންޓްގެ އިތުރުވުމެކެވެ.


މީގެ އިތުރުން، ޕެންޝަނާއި ރިޓަޔާމެންޓް ބެނިފިޓްތަކަށް ކުރި ޚަރަދު މިހާރު ވަނީ 1.76 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 1.62 ބިލިއަން ގައެވެ.


މި އަހަރު މުސާރައަށް ކުރި ޚަރަދު އިތުރުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އޭގެ މައިގަނޑު ސަބަބަކީ، ޕޭ ހާމަނައިޒޭޝަން ސިޔާސަތާއެކު މުސާރަތައް ބޮޑުކުރުން ކަމަށެވެ.


ސަރުކާރުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ބޮޑުވެފައިވާއިރު، ރާއްޖޭގެ ދަރަނި ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މި އަހަރު ބޭރުގެ ދަރަންޏަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހެއެވެ.


ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރަނި ދައްކަން މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.


ރާއްޖޭގައި ދަރަނި ބޮޑުވާތީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާދޭތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ކުޑަވާތަނެއް ނުފެނެއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް