ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެންބޯޑިއާއަށް ވަޑައިގެންފި



ކެންބޯޑިއާގައި ކުރިއަށްދާ އިންޓަރޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޢަބްދުއްރަހީމް ކެންބޯޑިއާއަށް ފުރާވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޞޫއަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން މަޖިލީހުގެ ރައީސް ތަޤްރީރު ކުރެވުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދެއްވައެވެ.
މަޖިލީހުގެ ރައީސްގެ ދަތުރު ފުޅުގައި އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަޑައިގެންނެވިއެވެ. އަމި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ މި ދަތުރުގައި ވަޑައިގެންނެވިއެވެ.
އައިއެސްސީއަކީ ޞުލްޙައާއި ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމު ވަރުގަދަކުރުމާއި ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން ގުޅިގެން ތަރައްޤީ ކުރިއެރުވުމާ ގުޅޭ ގޮތުން ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން މަޝްވަރާކުރައްވާ ބައިނަލްއަޤުވާމީ ފެންވަރުގެ ކޮންފަރެންސެކެވެ.