ރައްކާތެރިކަމުގެ އަމުރާ ޚިލާފުވި މީހަކު 6 މަސްދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި!
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކޯޓުން ނެރެފައިވާ ރައްކާތެރިކަމުގެ އަމުރާ (ޕްރޮޓެކްޝަން އޯޑަރު) ޚިލާފުވި މީހަކު 6 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް އާއިލާގެ މެންބަރުންނަށް ބިރުދައްކައި، އިންޒާރުދީ އަދި ފައިސާ ހޯދަން ނާޖާއިޒު ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓުން ނެރޭ ރައްކާތެރިކަމުގެ އަމުރަކާ ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. އެފަދަ ކުށަކަށް ދެވޭ އެންމެ ބޮޑު އަދަބަކީ 6 މަސްދުވަހުގެ ޖަލު ހުކުމެއް ނުވަތަ 15,000 ރުފިޔާގެ ޖޫރިމަނާއެކެވެ. މައްސަލައިގެ ތަހުގީގަށާއި ޝަރީއަތް ނިމެންދެން މީގެ ކުރިން ބަންދުގައި ހޭދަކުރި ދުވަސްތައް ގާނޫނުގައިވާ ގޮތުގެ މަތިން ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްދީފައެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގައި ކޯޓުތަކުން ނެރޭ ރައްކާތެރިކަމުގެ އަމުރުތަކާ ޚިލާފުވާ މިންވަރު އިތުރުވަމުންދާތީ، ފުލުހުން އަންނަނީ އެފަދަ މައްސަލަތައް ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަމުންނެވެ.
