News Featured

ރައީސް ގެ ވައުދު: ހއ.ދިގުފަރު ޕްރޮޖެކްޓަށް މިނިސްޓަރ ސައީދު ދެއްވީ ޔަގީކަން

Advertisement
ރައީސް ގެ ވައުދު: ހއ.ދިގުފަރު ޕްރޮޖެކްޓަށް މިނިސްޓަރ ސައީދު ދެއްވީ ޔަގީކަން
ފޮޓޯ:އިހަވަންދޫ ޑޮޓްކޮމް
ތަފްޞީލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްކަމަށްވާ ހއ.ދިގުފަރު ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށްދާނެކަމުގެ ޔަޤީންކަން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.


މިނިސްޓަރ ސައީދު މިހެން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ކުރިޔަށްގެންދިޔަ ސަރުކާރުގެ 'އަހާ ފޯރަމް' ގައި، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރު އަހްމަދު ރިޞްވާން ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.


ދިގުފަރު ހިއްކުމަށްފަހު އެތަނުގައި އިހަވަންދޫގެ ރައްޔިތުންނަށް އިންޑަސްޓްރިއަލް ޒޯނެއް ތަރައްޤީކޮށްދިނުމަކީ ރައީސްގެ ވައުދެއް ކަމަށާއި އަދި އިހަވަންދޫގައި ރައްކާތެރިކަމެއް ނެތި ފައިބަރުގެ މަސައްކަތް ކުރަމުންދިއުމަކީ އެރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. "އެކަމަށް ތަސައްލީއެއް ހޯއްދަވައި ދެއްވުމަށްޓަކައި ރައީސް ވަނީ ވައުދުވެވަޑައިގެންފައި، އެ ފަޅު ހިއްކުމަށްފަހު އެރަށުގެ ރައްޔިތުންނަށް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް،" މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.


މިނިސްޓަރު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ގެ މަޝްވަރާތައް ކުރިއަށްދާއިރު، އިންވެސްޓް ކުރާނެ ފަރާތްތަކާއެކު މިހާރުވެސް ވާހަކަތައް ދެކެވޭ ކަމަށެވެ.


"އިންވެސްޓް ކުރާނެ ފަރާތަކާއެކުވެސް މިދަނީ އެވާހަކަ ދައްކަމުން. އެއީ ރައީސްގެ ވައުދުފުޅެއްކަމާއި، އެތަނުގައި ބިން ހިއްކުމަށްފަހު އިހަވަންދޫ ރައްޔިތުންނަށް ފައިބަރުގެ މަސައްކަތާއި އިންޑަސްޓްރިއަލް މަސައްކަތް ކުރެވޭނެ ގޮތް އޮންނަންވާނެކަމަށް، އަދި އެފަރާތުންވެސް ވަނީ އުސޫލީގޮތުން (އިން ޕްރިންސިޕަލް) އެކަމަށް އެއްބަސްވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.


އަދި އެފަރު ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެކަން އަމަލީގޮތުން ފެނިގެންދާނީ އެއްބަސްވުމުގައި ސޮއިކޮށް، މަސައްކަތް ފެށުމުން ކަމުގައެވެ. ނަމަވެސް މަސައްކަތް ފެށޭނެ ވަކި ތާރީހެއް މިނިސްޓރ ވިދާޅެއް ނުވެއެވެ.


ހއ.ދިގުފަރަކީ އިހަވަންދޫ ކައިރީގައި އޮންނަ ބޮޑުފަރެކެވެ. މިއީ މީގެކުރިން މަސްވެރިކަމަށް އެން އަޅާ އުޅުނު ފަރެކެވެ. މިފަރަކީ ހިއްކައިގެން ބޭނުންކުރަން ފެށިއްޖެނަމަ ހއ.އަތޮޅުގެ އިގްތިސާދަށް ވަރަށްބޮޑު ނަފާވެރިކަން ލިބުމުގެ ފުރުސަތުއޮތް ފަޅެކެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް