ރާއްޖޭގައިން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބޭރު ކުންފުނިތަކުން ދައުލަތަށް ކުރިން ނަގަމުން އައި %5ން %10އަށް ބޮޑު ކުރުމަށް ހުށަހަޅައިފި.



ރާއްޖޭގައިން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބޭރު ކުންފުނިތަކުން ދައުލަތަށް ކުރިން ނަގަމުން އައި %5ން %10އަށް ބޮޑު ކުރުމަށް ހުށަހަޅައިފިއެވެ. ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙްގައި ބަޔާން ކުރަނީ ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތަކުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާނަމަ އެ ކޮންޓްރެކްޓަރުގެ ވިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި އެ ދޭ ފައިސާގެ %10 ދައްކަންޖެހޭނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނަށް މި ބަދަލު ގެނައުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅީ ރާއްޖޭގައި ހިންހާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާޙައުލެއް ޤާއިމް ކުރުމަށް ކަމަށް މެންބަރު ޒަރީރު ފާހަގަ ކުރެއްވިއެވެ.
ޤާނޫނު މިހާރު އޮންނަގޮތުން:
ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އެގޮތުން ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއް ކަމަށް ވަނީ ބަޔާންކޮށްފައި. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިހްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށް ވަނީ ބަޔާން ކޮށްފައި.
ސަރުކާރުން ވަނީ ޤާނޫނަށް ދެ އަކުރު އިތުރު ކުރުމަށް ހުށަހަޅާފައި:
މިހާރު ޤާނޫނުގައި އޮތްނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީން އުނިކުރާ އަދަދަކީ ވިތުހޯލްޑިންގ ޓެކްސް ނެގުނު އާމްދަނީއާ ގުޅިގެން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ބެލެވޭނެ ކަމަށް. އަދި އެފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީ ހިމަނައިގެން ނުވާނެ ކަމަށް.
ސަރުކާރުން އިސްލާޙް ހުށަހެޅިގޮތަށް ފާސްވުމުން އަހަރަކު އެޗްރެޖްކޮށް 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މީރާއިން ލަފާކޮށްފައިވާ ކަމަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅަމުން ވަނީ ފާހަގަ ކޮށްފައެވެ.