ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ.އަތޮޅުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހއ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެނުގެ އަސަރުކޮށްފިއެވެ. މިގޮތުން ފިއްލަދޫއާއި ކެލާގެ އިތުރުން މާރަންދޫގައި ބޮޑުވި ފެންގަނޑު މޫދަށް ކޯރު ކަނޑައިގެން ހިންދާފައިވާ ކަމަށާއި ކެލާ އަދި މާރަންދޫގެ އެއް ގެއަށް ފެންވަދެފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އެ އޮތޯރިޓީން ބުނިގޮތުގައި ދިއްދުއާއި އިހަވަންދޫގައި ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވާ ކަމަށާއި ދިއްދޫގެ އެއް ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ތަކަންދޫގައި ފެން ހިންދުމަށް ޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރިއެވެ.
މީގެ އިތުރުން ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެންޑީއޭއިން ބުނިގޮތުގައި ހއ.ހދ.އަތޮޅުގެ އިތުރުން، ޅ. ނައިފަރުގެ ދެ ގެއަކަށް ފެންވަދެ، އެ ދެ ގެއިން މީހުން ބަދަލުކޮށްފައިވާކަން ފާހަގަކުރިއެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ އޮތޯރިޓީއާއި ކައުންސިލް މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.