ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ގެއްލުންވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި ކުޅުދުއްފުށި ސިޓީން އެކަނިވެސް 140 އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ބުނެފިއެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުޅުދުއްފުށި ސިޓީގައި ހަތް ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ފެން ބޮޑުވުމުގެ ސަބަބުން އެ ސިޓީގެ 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ދެ ސުކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެ އޮތޯރިޓީން ހާމަކުރިއެވެ.
ހދ. އަތޮޅުގެ އެހެން ރަށްތަކާ ގުޅޭ ގޮތުން އެންޑީއެމްއޭއިން ބުނި ގޮތުގައި، ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުން އެބަދެއެވެ. އެ ރަށުގައި އެއް ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އެކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި، ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި، ދެ ޕަންޕެއްގެ އެހީގައި އެ ރަށުގައި ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށާއި ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެ އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ އަތޮޅު ކުމުންދޫގެ ތިން ގެއަކަށް ފެންވަދެ، ކާޑުގެ ބާވަތްތައް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް ފަހުން އަވިދިނުމާ ގުޅިގެން ރަށުގެ ހާލަތު ރަނގަޅުވެފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެ އޮތޯރިޓީން ވަނީ ހދ. ވައިކަރަދޫގައި ވިއްސާރަވެ ގެއަކަށް ގެއްލުމެއް ނުލިބޭ ނަމަވެސް އެ ރަށުގައި ފެންބޮޑުވެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ހަނިމާދުއާއި މަކުނުދޫގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅު ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.