ނޭޕާލަށް އެހީގެ ގޮތުގައި ސްރީލަންކާއިން 1 މިލިއަން ޑޮލަރު ދޭން ނިންމައިފި



ފެންބޮޑުވުމާއި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ގެދޮރު ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ނޭޕާލަށް އިންސާނީ އެހީގެ ގޮތުގައި 1 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ސްރީލަންކާއިން ނިންމައިފިއެވެ.
ސްރީލަންކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ނޭޕާލުގައި މިހާރު ކުރިއަށްދާ އިންސާނީ އެހީތެރިކަމާއި ރިލީފް މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން މި މާލީ އެހީ ފޯރުކޮށްދިނުމަށް ރައީސް އަނޫރާ ކުމާރަ ދިސާނާޔަކަ ސަރުކާރަށް އަންގަވާފައިވާ ކަމަށެވެ. މި ކާރިސާގެ ސަބަބުން ގެއްލުނު ފުރާނަތަކާއި ރައްޔިތުންނަށް ލިބުނު ހިތާމަތަކާ ގުޅިގެން ރައީސް ދިސާނާޔަކަ ވަނީ ހިތާމަ ފާޅުކުރައްވައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޚާއްޞަކޮށް އާއިލާގެ މެންބަރުން ވަކިވެދިޔަ ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
މީގެ އިތުރުން، ސްރީލަންކާއާއި ނޭޕާލާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި އެހީގެ ބޭނުމަކީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތުން ބޭނުންވާ ޒަރޫރީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ކާރިސާއާ ގުޅިގެން ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު ވެސް ވަނީ ބުރާސްފަތި ދުވަހުގެ ކުރީކޮޅު ނޭޕާލްގެ ޚާރިޖީ ވަޒީރު ޝިޝިރު ޚަނާލްއާ ފޯނުން ގުޅުއްވައި، ސްރީލަންކާގެ ފަރާތުން ތައުޒިޔާ ވިދާޅުވެ، އެ ގައުމާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ، ސްރީލަންކާއިން ނޭޕާލާ އެކު ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށާއި، އަދި އެ ގައުމުގެ ރިލީފް އަދި އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް އިތުރަށް އެހީތެރިވެވޭނެ ގޮތްތައް ބަލަމުންދާނެ ކަމަށެވެ.