މޯލްޑިވިއަން ފްލައިޓްން ދަތުރުކުރާ ފަތުރުވެރިންނަށް ޓިކެޓް އަގުހެޔޮކުރަން ނިންމައިފި.



ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ރާއްޖޭގެ އެކި ހިސަބުތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ގައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުން އަދި ޚާއްޞަކޮށް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް އެތެރޭގެ އުދުހުން ތަކުގައި ޓިކެޓް އަގުބޮޑުވުމުގެ ސަބަބުން ވައިގެ މަގުން ރަށްރަށް ފަތުރުވެރިން ގެންދިއުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން ފަތުރުވެރިން ގެނައުމަށް އުނދަގޫތަކާއި ކުރިމަތިލާންޖެހޭތީ އެވެ. އަގުގެ ތަފާތު ބޮޑުކަމުން ބައެއްފަހަރު ފަތުރުވެރިން ދަތުރުތައްވެސް ކެންސަލް ކުރަމުންދާ ކަމަށްވެސް ގެސްޓްހައުސް އޮޕަރޭޓް ކުރާ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން ފަތުރުވެރިން ދިވެހިރާއްޖެ ގެނައުމަށް އިސްތިހާރު ކުރުމުގައިވެސް އެތެރޭގެ ދަތުރުފަތުރު ދިވެހިންނަށްވުރެ އެތައް ގުނައެއް އަގުބޮޑުވުމުގެ ސަބަބުން ފަތުރުވެރިން ގެނައުމަށް ޕެކޭޖްތައް އިސްތިހާރުކޮށް ވިއްކުންވެސް ވަނީ ދަތިތަކަމަށް ވެފައެވެ.