"މިއީ ފޭރިގަނެފައިވާ ބިމެއް ނޫން" - އޮބާމާގެ ފާޑުކިއުންތަކަށް ނަތަންޔާހޫގެ ވަރުގަދަ ރައްދެއް!

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އަނިޔާވެރި އަމަލުތައް ހިންގުމުގެ ސަބަބުން 'އިޒްރާއީލުގެ' އަޚްލާގީ ސިފަތައް ގެއްލިފައިވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ކުރެއްވި ތުހުމަތުތަކަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.
އޮބާމާ މި ފާޑުކިއުންތައް އަމާޒުކުރެއްވީ އުތުރު އަޔަލޭންޑްގެ ބެލްފާސްޓްގައި އޮތް ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އޮބާމާ ވިދާޅުވި ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ދެފަރާތުންވެސް ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށާއި، އިސްރާއީލުން އެހެން ބަޔެއްގެ ބިން އަތުލައިގެން ކުރިއަށްދާން އުޅުމަކީ ސުލްހައަށް އޮތް ހުރަހެއް ކަމަށެވެ. އަދި ފަލަސްތީނުގެ 7 މިލިއަން މީހުން އެހެން ތަނަކަށް ނުދާނެކަން އިސްރާއީލުން ގަބޫލުކުރަންޖެހޭނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.
ނަތަންޔާހޫގެ ރައްދު.
އޮބާމާގެ ވާހަކަތަކާ ގުޅިގެން އިނގިރޭސިބަހުން ނެރުއްވި ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ އޮބާމާގެ ވާހަކަފުޅަކީ "ހިތާމަހުރި" ވާހަކަފުޅެއް ކަމަށެވެ.
"ޔަހޫދީންނަކީ އެމީހުންގެ ކާބަފާއިރުގެ ބިމުގައި ތިބި ބީރައްޓެހި އިސްތިއުމާރީ ބަޔެއް ނޫން. އަހަރެމެންގެ ތާރީޚަކީ އިސްތިއުމާރީ މަޝްރޫއެއް ނޫން، އަދި އަހަރެމެންގެ ބިމަކީ ފޭރިގަނެފައިވާ ބިމެއްވެސް ނޫން. މިއީ އަހަރެމެންގެ މާދަރީ ވަޒަން،" ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔާހޫ އިތުރަށް ވިދާޅުވީ، ޔޫރަޕްގެ ގައުމުތަކުން އެހެން ގައުމުތައް އިސްތިއުމާރުކުރި ގޮތަށް އިސްރާއީލުގެ ތާރީޚު ސިފަނުކުރެވޭނެ ކަމަށެވެ. އަދި ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހަކީ އިސްރާއީލެއް ނޫން ކަމަށާއި، އެއީ އިސްރާއީލުގެ ދައުލަތް އުފެދިގެން އުޅުމުގެ ހައްގު ގަބޫލުކުރަން ދެކޮޅުހަދާ ދުޝްމަނުން ކަމަށްވެސް އޭނާ ބުންޏެވެ.
ދެބޭފުޅުންގެ ދެމެދުގައި އޮތް ކުރީގެ ނުތަނަވަސްކަމާއި ހިޔާލުތަފާތުވުންތައް.
މިއީ އޮބާމާއާއި ނަތަންޔާހޫއާ ދެމެދު މިފަދަ ހޫނު ބަހުގެ ހަނގުރާމައެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. އޮބާމާ އެމެރިކާގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރުވެސް (2009–2017) އިސްރާއީލުން 1967 ގެ ކުރީގެ އިންތަކަށް ރުޖޫއަވުމާއި، ވެސްޓް ބޭންކުގައި ގަވާއިދާ ހިލާފަށް ވަޒަންވެރިކުރުވާ މައްސަލައިގައި ދެބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވެއެވެ.