މަސްވެރިކަމާއި މެރިކަލްޗާ ދާއިރާއިން ރާއްޖެއިން ބޭރުން ކިޔެވުމަށް ޚާއްޞަ ސްކޮލާޝިޕްތަކެއް ހުޅުވާލައިފި!
ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ނަފާވެރިކަމާއެކު ބޭނުންކުރުމަށާއި މެރިކަލްޗާ ސިނާއަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމުގެ ގޮތުން، މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދުމުގެ ޚާއްޞަ ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ވާރލްޑް ބޭންކުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުގެ ދަށުން ދޫކުރާ މި ސްކޮލާޝިޕްތަކަކީ ބެޗްލަރސް ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ހުޅުވާލެވިފައިވާ ފުރުޞަތުތަކެކެވެ. މީގެ ތެރޭގައި މެރިކަލްޗާ، އެކުއަކަލްޗާ، ފިޝަރީޒް މެނޭޖްމަންޓް އަދި މެރިން ސައިންސްގެ ދާއިރާތައް ހިމެނެއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމާއި، ރާއްޖޭގައި މެރިކަލްޗާ ސިނާއަތް އާ އުސްމިންތަކަކަށް ގެންދިއުމަށް ބޭނުންވާ ޤާބިލު ދިވެހި މާހިރުން އުފެއްދުމެވެ. މި ސްކޮލާޝިޕްތަކުގެ ދަށުން އުނގަންނައިދިނުމުގެ އިތުރުން، އަމަލީ ތަޖުރިބާ ހޯދައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
