މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ށ. ޅައިމަގުން މީހަކު ހައްޔަރުކޮށްފި!

ށ. ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، ވީނަސް، އުމުރުން 42 އަހަރުގެ ރިޟުވާން ޙަމީދެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޅައިމަގު ބަނދަރު ސަރަހައްދުންނެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1.6 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.