މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމާއެކު ވަޒީރުންނާއި ކައުންސިލަރުންގެ މުސާރަވެސް ބޮޑުވެއްޖެ

މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކޮށް، ވަޒީރުންގެ ކާރު އެލަވަންސަށް ލިބޭ ފައިސާ އިތުރުކޮށް، ރަށު ކައުންސިލްތަކުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައިވާ ގޮތުގައި މިހާރު މަޖިލިސް ރައީސަށް ލިބިވަޑައިގަންނަވަނީ 73،125 ރުފިޔާއެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މަޖިލިސް މެންބަރުންނަށް 82،500 ލިބިވަޑައިގަންނަވައެވެ.
ކޮމިޓީގައި އިއުލާންކުރި ގޮތުގައި، އެ ފަރަގު އަންނަނީ މަޖިލީހުގެ ރައީސް ކޮމިޓީގައި ބައިވެރިވެވަޑައި ނުގަނެވޭތީއެވެ. އެގޮތުން މެންބަރުން ކޮމިޓީތަކުގައި ބައިވެރިވާ އިންސަތައަށް ބަލައި އެލަވަންސް ލިބެން ހުރެއެވެ. އެއީ 50 އާއި 75 އިންސައްތައިގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމުން 10،000 ރުފިޔާއާއި 75 އިންސައްތައަށްވުރެ މަތިވުމުން 20،000 ރުފިޔާއެވެ.
އެހެންވެ، ކޮމިޓީއަށް ހުށަހަޅައިފައިވަނީ މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސަށް އިތުރުކުރުމަށެވެ. އެ އެލަވަންސް އިތުރުކުމުން މަޖިލީހުގެ ރައީސްގެ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ.
ހަމައެއާއެކު، ރަށު ކައުންސިލްގެ ރައީސުންނާއި ނައިބު ރައީސުންނާއި ކައުންސިލަރުންނަށް ވެސް އެލަވަންސެއް އިތުރުކުރަން ކޮމިޓީއަށް ހުށަހެޅިއެވެ. އެއީ 5،000 ރުފިޔާގެ ސާވިސް އެލަވަންސްއެއް އިތުރުކުރުމަށެވެ.
އެ ބަދަލު ގެންނަނީ އެހެން ކައުންސިލްތަކާ ފަރަގު ކުޑަކުރަން ކަމަށް ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު ރަށު ކައުންސިލް ރައީސުންނަށް ލިބޭ މުސާރަ 30،500އަށް އިތުރުވެ، ކައުންސިލްގެ ނައިބު ރައީސްގެ މުސާރަ 25،000އަށް އިތުރުވާނެއެވެ. އަދި ކައުންސިލަރުންނަށް ލިބޭ މުސާރަ 23،000 ރުފިޔާއަށް އަރާނެއެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބެނީ 58،500 ރުފިޔާ ކަމަށްވާއިރު، ދާދި ފަހުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައިއިރު ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ މުސާރަތައް ބޮޑުކުރިކަން ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.
އެ ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރަ 74،000 ރުފިޔާ އަރައިފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ރައީސުންނަށް 59،000 ރުފިޔާއަށް އަރާކަން ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޖުޑިޝަރީއަށް ބަލާއިރު އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000 ކަމަށްވާއިރު، ފަނޑިޔާރުންނަށް 89،000 ރުފިޔާ ލިބޭކަން ކޮމިޓީގައި ފާހަގަކޮށްފައިވެއެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މި ދަނޑިވަޅުގައި އެ ބަދަލު ގެންނަން ތާއިދުނުކުރައްވާ ކަމަށެވެ.
"މިހާރު ވިސްނަން ޖެހޭނެ ރާއްޖެ މި އޮތް ހާލަތަށް، ދުނިޔެ މި އޮތް ހާލަތަށް، އެހެންވީމަ ދައުލަތުގެ ބަޖެޓަށް ތީގެއިން އެތައް ބައިވަރު އިމްޕްލިކޭޝަން އަންނާނެ،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ އެ ބަދަލުތައް ގެންނަން ފާސްކޮށްފައެވެ. ބައެއް މުސާރަތައް ބޮޑުކޮށްފައި މިވަނީ، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު އިތުރުވުމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައެވެ.
އެގޮތުން މި މަހުގެ 15ގެ ނިޔަލަށް ލިބިފައިވާ އާމްދަނީއާއި، ދައުލަތުން ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގައިވަނީ، މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް ޚަރަދުތައް އެއަށްވުރެ އިތުރުވެ، 36.4 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް އެ ތަފާސްހިސާބުން ހާމަކޮށްފައި ވަނިކޮންނެވެ.
ރާއްޖޭގެ ދަރަނި އެތައް ގުނައަކަށް ބޮޑުވެ، އޭގެ ބުރަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް ބޭރުގެ ކަމާބެހޭ މާހިރުން ލަފާދެއްވާފައި ވަނިކޮށް މުސާރަ ބޮޑުކުރަން ނިންމި ނިންމުމާމެދު ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި އެތައް ޒަމާނެއްވާދެން ހިންގަމުންއައި ރާއްޖޭގެ އަތޮޅުތަކުގެ ކައުންސިލްތައްވެސް ވަނީ އުވާލާފައެވެ. އަދި ބައެއް ކުންފުނިތަކުން މުވައްޒަފުންވެސް ވަނީ ވަކިކޮށްފައެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގައި އިޚްލާސްތެރިކަމެއް ނެތެވެ.