މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވެ، މިއަހަރު ހިނގި އެކްސިޑެންޓްތަކުގެ އަދަދު 2,300 އިން މައްޗަށް!
ދިވެހިރާއްޖޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، މިއަހަރުގެ މިހާތަނަށް ހިނގާދިޔަ މަގުމަތީ އެކްސިޑެންޓްތަކުގެ އަދަދު 2,300 އަށްވުރެ މައްޗަށް އަރައިފިކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފުލުހުންގެ މީޑިއާއިން މަޢުލޫމާތު ލިބޭގޮތުގައި، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މަައްޗަށް ގޮސްފައިވާއިރު، ހަމައެކަނި މި ހިނގާ އޮކްޓޯބަރު މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައިވެސް ސަތޭކައާ ގާތްކުރާ އަދަދަކަށް އެކްސިޑެންޓް ވަނީ ރިޕޯޓުކޮށްފައެވެ.
ފަހަކަށް އައިސް ހުޅުމާލެއާއި މާލޭގެ އިތުރުން ތިލަދުންމަތި އަދި އަތޮޅުތަކުގެ ބޮޑެތި ރަށްރަށުގައި ހިނގަމުންދާ އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވެ، ބޮޑެތި އަނިޔާތައް ލިބުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓްތައް ތަޙްޤީޤުކުރުމުގެ ނިޒާމު އަވަސްކުރުމަށްޓަކައި ފުލުހުން ވަނީ "ސްމާޓް ޑްރޯ" (Smart Draw) ނަމަކަށް ކިޔާ ޚާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަން ފަށާފައެވެ. ބާރުގަދަ ވެހިކަލްތައް ދުއްވުމާއި ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށައި، މަގުތައް ޕެޓްރޯލްކުރުމުގެ ހަރަކާތްތައް އިތުރުކޮށްފައެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ދުއްވުންތެރިންވެސް މަގުމަތީގެ ގަވާއިދުތަކަށް ހުރަމަތްތެރިކޮށް ހިތުމަށާއި، ބާރަށް ވެހިކަލް ނުދުއްވުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.
