މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި 4 މީހަކަށް އަނިޔާ ވެއްޖެ.

ރޭ ފަތިހުގެ ވަގުތުގައި މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ހަތަރު މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. އަނިޔާ ލިބުނު ހަތަރު މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މިހާދިސާ ހިނގާފައިވަނީ މާލޭގައި ދޫގަސް ނަމަކަށް ކިޔާ ގެއެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 5 ކޮޓަރި ހިމެނޭ އެޕާޓްމަންޓެއްގައި ކަމަށާއި މިހާދިސާގައި އަނިޔާ ލިބިފައިވަނީ ބަނގްލަދޭޝް 2 މީހަކަށާއި އިންޑިއާ 2 މީހަކަށް ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ދޫގަސް ނަމަކަށް ކިޔާ ގޭގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހު 5:27 ގައި ކަމަށެވެ.
ދޫގަސް ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ކޮންޓްރޯލްކޮށް ފައެވެ.
މިހާދިސާއާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.