މާލޭގައި ހިންގި ޣައިރުޤާނޫނީ ބޮޑު ނެޓްވޯކެއް ފުލުހުން އަތުލައިގަނެ، 826 ފުޅި ރާ އަތުލައިގެންފި!
މާލޭގައި ފުޅާ ދާއިރާއެއްގައި ޣައިރުޤާނޫނީ ގޮތުން ރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކާ ގުޅުންހުރި މުހިންމު ދިވެހި ތުހުމަތުކުރެވޭ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހަކީ ހ. ކާރޯގެ، އުމުރުން 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ. އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ބުދަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޯޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހޯމަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ރާ ވިއްކާ ނެޓްވޯކަށް އަމާޒުކޮށް ހެންވޭރުގެ ގެއެއް ބަލައިފާސްކުރުމުގެ ތެރޭގައި ފުލުހުން ވަނީ 826 ފުޅި ރާ އަތުލައިގެންފައެވެ. އަދި ފުރަތަމަ ވަނީ ބަންގްލަދޭޝްގެ ތިން ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޯޓު ލިޔުންތަކުން އެނގޭ ގޮތުގައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވި ދެ މީހަކު ވަނީ އެއީ ރަޝްވާންގެ ސީދާ އިރުޝާދުގެ ދަށުން މަސައްކަތްކުރާ އޭނާގެ މުވައްޒަފުން ކަމަށް ބުނެފައެވެ. އެ މީހުންގެ ބަޔާނާ ގުޅިގެން ރަޝްވާންއާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު، ރާ ކަމަށް ތުހުމަތުކުރެވޭ 800 އަށްވުރެ ގިނަ ފުޅި ފެނިފައިވެއެވެ.

ކޯޓުގައި ރަޝްވާން ވަނީ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށް، ތަންތަން ބަލައިފާސްކޮށްފައިވަނީ އޭނާގެ މަޞްލަޙަތު ޙިމާޔަތްކުރާނެ އެއްވެސް މީހަކު ނެތި ކަމަށް ބުނެފައެވެ. އަދި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އޭނާ އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ ކަމަށް އިންކާރުކޮށް، އޭނާ ބަންދުގައި ބަހައްޓަން ނިންމާފައެވެ.
