ހުޅުމާލެ ސެންޓްރަލް ޕާކުގައި "މޯލްޑިވްސް އެކްސްޕޯ 2026" މިއަދު ފަށައިފި!
ދިވެހިންގެ އުފެއްދުންތެރިކަމާއި، އުފެއްދުންތެރި އިޤްތިޞާދާއި، އާ އީޖާދުތައް އެއްފުރާޅެއްގެ ދަށުން ދައްކުވައިދޭ ޤައުމީ ބޮޑު މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" މިއަދު (25 އޮކްޓޫބަރު 2026) ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ފަށައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ފިއުޗަރ މޯލްޑިވްސް" ގެ ޝިއާރުގެ ދަށުން ކުރިއަށްދާ މި ބޮޑު މައުރަޒުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މިރޭ 8:00 އިން 11:00 އަށް ޚާއްޞަ މިއުޒިކީ ހަރަކާތްތަކަކާއި ހަވާގެ ކުޅިވަރުތައް ސެންޓްރަލް ޕާކުގައި އޮންނާނެއެވެ. މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލެވިފައިވާ މި އެކްސްޕޯގައި، ލައިވް ކުކިންގ ޝޯތަކާއި، ޑްރޯން ކާރު ފަދަ އާދަޔާޚިލާފު ޓެކްނޮލޮޖީގެ ދެއްކުންތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ގޭމިންގ ޒޯނަކާއި ބިރުވެރި ހައުސްއެއްވެސް ހިމެނެއެވެ. ސަރުކާރާއި އަމިއްލަ ދާއިރާ ގުޅިގެން ކުރިއަށްގެންދާ މި ޤައުމީ ހަރަކާތަކީ ދިވެހި އުފެއްދުންތެރިން ބޭރުގެ މާކެޓްތަކާ ގުޅުވާލަދީ، ރާއްޖޭގެ ވިޔަފާރިތަކަށް އާ ފުރުޞަތުތައް ހޯދައިދިނުމަށް ރޭވިގެން ކުރިއަށްދާ ހަރަކާތެކެވެ
މި އަހަރުގެ އެކްސްޕޯ ތަފާތު ތަޖުރިބާތަކާއެކު ޚާއްޞަ ތަންތަނަށް (ޑިސްޓްރިކްޓްތަކަށް) ބަހާލައިގެން ކުރިއަށްދާއިރު، އެ ތަންތަނުގެ ތެރޭގައި:
ކްރިއޭޓިވް އެކޮނޮމީ ޑިސްޓްރިކްޓް: ދިވެހިންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ ބައި
ޑިޖިޓަލް އެންޑް އިނޮވޭޝަން ޑިސްޓްރިކްޓް: އާ އީޖާދުތަކާއި ޓެކްނޮލޮޖީގެ ބައި
އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް: ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް (ބޮޑުބެރު އަދި ސަގާފީ ވާދަ ހިމެނޭހެން)
މާކެޓްޕްލޭސް ޑިސްޓްރިކްޓް: ދިވެހި އުފެއްދުންތަކާއި ވިޔަފާރިތަކުގެ އުފެއްދުންތައް ގަންނަން ލިބޭ ބައި
ވިޒިޓަރ އެކޮނޮމީ އާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް: ފަތުރުވެރިކަމާއި ބޭރުގެ ފަރާތްތަކުގެ ބައިތައް
މި މައުރަޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ކުރިއަށްދިއުމަށް ހުޅުވާލެވޭ ބޮޑު ފުރުޞަތެކެވެ.
