ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި!
ފުލުހުން ޅ. އަތޮޅުގެ ދެ ރަށެއްގައި ހިންގި ވަކިވަކި އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ލޯކަލް ޕޮލިސް ގުޅިގެން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކަމެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އެ ރަށުން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މީގެއިތުރުން، އޮޅުވެލިފުށީގައި ހިންގުނު ވަކި އޮޕަރޭޝަނެއްގައި، އެ ރަށު މަގުމަތިން މީހަކު ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 7 ކަރުދާސްކޮޅު ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ވެސް އެ ރަށުން މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސޯސަންވިލާ / ޅ. ނައިފަރު، ޙަސަން ހުޝާމު (35އ) އާއި ކަދުވަލުގެ / ޅ. ނައިފަރު، އާދަމް ނަޞީރު (32އ) އާއި ޝެހެނާޒްގެ / ޅ. އޮޅުވެލިފުށި، މުޙައްމަދު އަފްރާޙް (28އ) އެވެ.

މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ މުއްދަތަށް އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ހާދިސާތަކާ ގުޅޭ އިތުރު ތަހުގީގުތައް ފުލުހުން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
